އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ވެސްޓް ހޭމް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓަޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓަޑަށް ލަނޑު ޖަހައިދިނީ ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ސްކޮޓް މިކްޓޮމިނޭ އެވެ.

މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން އެއްވަރުވުމަށް ފަހު، މި މެޗުން މޮޅުވުން ވަރަށް މުހިންމުވެފައި އޮތް ކަމަށެވެ.

"އެވަޓަން މެޗަށް ފަހު ކުޅުންތެރން ތިބީ ކޮންމެ ވެސް ވަރަކަށް ޑީމޯޓިވޭޓްވެފައި. އެހެންކަމުން މިއީ ވަރަށް މުހިންމު މޮޅެއް،" ސޮލްސަޔާ ބުންޏެވެ.

ސޮލްސަޔާ ބުނީ މެޗުގައި ޔުނައިޓަޑްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ރޫހެއް ފެނިގެންދިޔަ ކަމަށާއި މުބާރާތުގެ ކުއާޓާ ފައިނަލަަށް ޓީމު ދަތުރުކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. – ބީބީސީ