ޑޮލަރުގެ ތާށި ކަމަށް ހައްލެއް އަންނާނީ ބޮޑެތި މަޝްރޫއުތައް ފަށައި، އިންވެސްޓްމަންޓްތައް ގިނަވާން ފެށުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭންކުތަކަށް ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް މުދާ ގަންނަން ރުފިޔާއިން ޓީޓީ ހެދުން ވަނީ ހުއްޓާލައިފަ އެވެ. އަދި ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ ލިމިޓްކުޑަކުރަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރު ހިއްސާވާ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދިފަހުން ވަނީ ދީފަ އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ތާށިކަމަށް ހައްލު ގެނެވޭނީ އިޤްތިޞާދީގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އިޤްތިޞާދު އިތުރަށް ފުޅާކުރަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ބިޔަބޮޑު މަޝްރޫޢުތައް ހިނގަން ފެށީމަ އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމަ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ. އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސްވާނެ. ފަސޭހަވާނެ،" ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ދާދިފަހުން ދުބާއީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ. އެގޮތުން، ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކޮށްފައި ވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އޮތްއިރު އެ ބަޒާރަށް ބައެއް ވިޔަފާރިތައް ބަރޯސާވެފައިވުމަކީ ވެސް ޑޮލަރުގެ މައްސަލަ ކުރިމަތިވި ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.