ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ ނޫސްތަކާ ގުޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލުމަށް މީޑިއާ ކައުންސިލުން ފާސްކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ނޫހަކާ ގުޅޭ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ހިންގާތީ އެފަދަ ނޫސްތަކުގެ މައްސަލަތައް ބެލުމަށް ގާނޫނީގޮތުން ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ނޫސްތަކުގައި ޝާއިއުކުރާ ލިޔުންތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް ހަރުދަނާ އުސޫލެއް އެކުލަވާލުމަށްޓަކައި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކުރާ ކުރަން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ނޫސްތަކުގެ މައްސަލައް ބެލުމުގައި އަމަލުކުރާނެ އުސޫލެއް، ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއެކު އެކުލަވައިލުމަށް ފާސްކުރީ،" ހުސައިން ވިދާޅުވި އެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް ނޫސްތައް މީގެކުރިން ސަރުކާރުން ވަނީ ބްކޮކްކޮށްފަ އެވެ. ނަމަވެސް ގިނަ ބައެއްގެ ޕްރެޝަރާ ހެދި ސަރުކާރުން ވަނީ އެ ނޫސްތައް އަންބްކޮކްކޮށްފަ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ އެއްވެސް އުސޫލެއް ނެތި، ނޫސްތައް ބްލޮކްކޮށްލުމެވެ.