ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ އާޒިމް އަބްދުލްއަޒީޒްގެ ކެމްޕެން އެރަށު ޕީޕީއެމްގެ ޖަހަގަހާގައި ފަށައިފި އެވެ.

ގއ. ވިލިނގިލީ ޕީޕީއެމް ޖަގަހައިގައި އާޒިމްގެ ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްގެންދާ ފޮޓޯތައް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވެސް އެ ހަރަކާތުގައި އުޅުއްވާތަން ފޮޓޯތަކުން ފެނެ އެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވީ ކުރީގެ ޓެކްސް ކޮމިޝަނަރުގެ ކޮއްކޮ ޔަޒްމީދު މުހައްމަދެވެ. އާޒިމަކީ ޕްރައިމަރީން ބަލިވި މީހެކެވެ. ޕާޓީގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ކެންޑިޑޭޓެއްގެ ކެމްޕޭން ކުރަމުންދާއިރު، އެކަމާ ގުޅޭގޮތުން ޕީޕީއެމް، ޕީއެންސީން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެކަން ހުއްޓުވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އާޒިމްގެ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފަހުން ނާޒިމް ވަނީ ޕީއެންސީގެ ކެންޑިޑޭޓް ޔަޒްމީދުގެ ޓީމާއެކު ވެސް ފޮޓޯއެއް ނަގާފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި ބައެއް ދާއިރާތަކަށް ސަރުކާރުގެ އިސްވެރިންގެ ތާއީދާއެކު އަމިއްލަ ކެންޑިޑޭޓުން ނެރޭ މައްސަލަ ބޮޑުވެ، ޕާޓީތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.

ތިމަރަފުށީ ދާއިރާއަށް ޕީއެންސީން ކެންޑިޑޭޓަކު ވާދަކުރާއިރު، އެ ދާއިރާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ރިޔާޒަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވިދާޅުވާ ވީޑިއޯއެއް ވެސް ދާދިފަހުން އާންމުވި އެވެ.