ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު 'ދެރިޔާ'ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓުކުރާ ދެވަނަ ފިލްމު "ލަސްވިޔަސް" ޓްރެއިލާ އާންމުކުރުމުން އެ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"ލަސްވިޔަސް"ގެ ޓްރެއިލާ ޔޫޓިއުބްގައި މިހާތަނަށް ހަތަރު ހާހަށް ވުރެން ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

މިއަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔަ އެވެ.

https://www.youtube.com/watch?v=NHXUl-bDXR0&t=3s

ލަސްވިޔަސްގައި ހިމެނޭ ތަރިންނަކީ ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި، އަހްމަދު އީސަ (އާނަންދު)އާއި، ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންއާއި، ރީކޯ މޫސާ މަނިކު އަދި ވާޝިޔާ މުހައްމަދު އެވެ.

ލަސްވިޔަސްގެ ޓީމުން ވަނީ ޓްރެއިލާގެ އިތުރުން ފިލްމުގެ ޕޯސްޓަރު އަދި ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފަ އެވެ. ޓެޑްރީގެ ފީޗާ ފިލްމެއް މީގެކުރިން ޑައިރެކްޓް ކުރީ މީގެ 30 އަހަރު ކުރިން "ދެރިޔާ" އެވެ. އެ ފިލްމަކީ އޭރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަދި ފިލްމު އެވޯޑްގައި ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ.