ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ބުނީ އާ އޭޕްރަން ބޭނުންކުރަން ފެށުމުން ކުރީގެ އޭޕްރަން ބަންދުކޮށްފައިވާ ކަމަށެވެ. އާ އޭޕްރަންގައި އެންމެ ފުރަތަމަ މަޑުކުރީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 136.6 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ޒަމާނީ އާ ޓާމިނަލެއް ގާއިމްކުރާނެ އެވެ. ނަމަވެސް އޭޕްރަން އަކީ އިންޑިއާގެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެއް ނޫން ކަމަށް ރީޖިނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ އާ އެޕްރަން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށް އެ ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ މަގުފަހި ކުރުމަށް ކުރި މަސައްކަތެއް ކަމަށެވެ.

ބޮޑުމިނުގައި 42،000 އަކަފޫޓުގެ އެ އޭޕްރަން މާކެޓު ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގަ އެވެ. އާ އޭޕްރަންގައި އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ހަނިމާދޫ އެއާޕޯޓްގައި

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ނިންމާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.

މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސާދު ފުޅާކުރުމަށް މި މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެތައް ވަޒީފާއެއް ވެސް އުފެދިގެންދާނެ އެވެ.