މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދީފައިނުވާތީ، ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ ކޫއްޑޫގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ހޫނުވެ މިނިސްޓަރު ޝިޔާމް ވެސް ވަނީ ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

"މިހާރު" ނޫހާ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އޮޑިވެރިންނަށް ދޭން ސަރުކާރުން ބުނި 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 300 މިލިއަނާ ގާތެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނާ ބައްދަލުކޮށް އޭނާ ވިދާޅުވި ބަހުގެ އިތުބާރު ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. މަސްވެރިންނަށް މިހާތަނަށް ދޫކުރަންޖެހޭ ފައިސާތައް އަންނަ މަހުގެ ފަހެއްގެ ކުރިން ދީ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. އެއަށްފަހު ރައީސް ޑރ. މުހައްމަދު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް މިފްކޯއަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދީ ނިންމާނެ ކަމަށް ސަރުކާރުން ބުނިނަމަވެސް މަސްވެރިން އެކަން ގަބޫލުނުކޮށް، މުޒާހަރާތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ ސަރުކާރުގައި ފައިސާ ހުރެ، ގަސްތުގައި މަސްވެރިންނަށް ފައިސާ ނުދީ ނުހުންނާ ެ ކަމަށެވެ.