ގއ. ވިލިނގިލީ ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓަކާ އެކު ޓޫރިޒަމް ހަބެއް ތަރައްގީ ކުރަން ސަރުކާރުން 800 މިލިއަން ޑޮލަރުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައި ވަނީ ދުބާއީގެ މަޝްހޫރު ބުރްޖް ޚަލީފާ ވެސް ހެދި ކުންފުނި ކަމަށްވާ ބެލްޖިއަމްގެ ބީސިކްސްއާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، މުޅި ހުވަދު އަތޮޅުގެ އިގްތިސާދު ބަދަލުކޮށްލާނެ މި މަޝްރޫއުގެ އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީސިކްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސާވް ޑޮލްމަންސް އެވެ. އޭނާ އަކީ ދުނިޔޭގައި 44 އަށް އެންމެ ބޮޑު ކުންފުނި، ބީސިކްސްގެ ބާނީ އަށް ބޮޑުބޭބެ ކިޔާ ބޭފުޅެކެެވެ.

މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ރައީސް އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރައީސް ބޭނުންފުޅުވީ ކަންކުރެވޭވަރުގެ ގާބިލް އަދި ޕްރޮޖެކްޓް އަވަހަށް ނިންމާލެވޭވަރުގެ ބަޔަކާ މި ބިޔަ މަޝްރޫއު ހަވާލު ކުރަން ކަމަށެވެ.

ބީސިކްސްގެ މިދިޔަ އަހަރުގެ ޓާންއޯވާ އަކީ 3.6 ބިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ސާފު ފައިދާ އަކީ 300 މިލިއަން ޑޮލަރެވެ. އެހެންވެ ޖަނާހު ވިދާޅުވީ މިއީ އެ ކުންފުނީގެ އެއް އަހަރުގެ ފައިދާ އިން ވެސް ހިންގާލެވޭނެ މަޝްރޫއެއް ކަމަށެވެ.

ގއ. ވިލިނގިލީގައި މުހައްމަދު އަލީ ޖަނާހު ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް

ޖަނާހު ވިދާޅުވީ ބުރްޖް ޚަލީފާ ފަދަ އުސް އިމާރާތަކަށް ނުވި ނަމަވެސް ވިލިނގިލީ އެކަފަރުގައި ފަތުރާލެވޭ ރީތި ރަށްތަކާއި އެއާޕޯޓަކީ ބްރިޖު ޚަލީފާ ފަދަ މަޝްހޫރު ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށެވެ.

ބުރްޖް ޚަލީފާ ފަދަ އުސް އިމާރާތަކަށް ނުވި ނަމަވެސް ވިލިނގިލީ އެކަފަރުގައި ފަތުރާލެވޭ ރީތި ރަށްތަކާއި އެއާޕޯޓަކީ ބްރިޖު ޚަލީފާ ފަދަ މަޝްހޫރު ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރަން.
ޖަނާހު

މިއީ މުޅި ހުވަދުއަތޮޅުގެ އިގްތިސާދު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށް، ދުނިޔޭގެ ވިޔަފާރި ކުންފުނިތަކާ ގުޅުން ބޮޑު ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2007 ވަނަ އަހަރު ކޫއްޑޫ އެއާޕޯޓް ޕްރޮޖެކްޓް ފަށަން އޭނާ އެރަށަށް އެންމެ ފުރަތަމަ ދިޔަ އިރު އެއީ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރާނެ ޖާގަ ނެތް އަދި ކާމިޔާބު ޕްރޮޖެކްޓަކަށް ނުވާނެ ކަމަށް ގާތް މީހުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުއިއްޒު ވަނީ އެއްދުވަހަކުން ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ވާނެ ކަމަށް ޖަނާހު އަރިހު އޭރު ވިދާޅުވެފަ އެވެ. އެހެންވެ މިއީ ރައީސް މުއިއްޒުގެ ވެސް ހުވަފެނެއް ހަގީގަތަކަށް ވެގެން ދިއުން ކަމަށް ޖަނާހު ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް
އަބަދާއި އަބަދު ކުލަ ނުޖެހޭ ހުވަފެނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވިލިނގިލީގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ފުރިހަމަ ކޮށްދޭނަން. ވިލިނގިލީގެ ތަރައްގީ އަށް އަޅުގަނޑު ވައުދުވި ހުރިހާ ކަމެއް މި ދައުރުގެ ތެރޭގައި ނިންމަވައިދޭނަން.
ރައީސް މުއިއްޒު

ވިލިނގިލީގައި ހަދާ އެއާޕޯޓާއި ޓޫރިޒަމް ހަބުގެ ތައާރަފެއް

  • ބޮޑު 8 ރިސޯޓް
  • ކުދި ރަށްތަކާ އެކު 17 ރިސޯޓް
  • 2،600 މީޓަރުގެ ރަންވޭއެއް (ފުރަތަމަ ފޭސް)
  • 3،400 މީޓަރުގެ ރަންވޭއެއް (ދެވަނަ ފޭސް)
  • ހެލިޕޭޑެއް
  • މެރީނާއެއް
  • 5،000 އެނދު
  • މުޅި ޕްރޮޖެކްޓުގެ އަގު: 800 މިލިއަން ޑޮލަރު

އެހެންކަމުން ވިޔަފާރީގެ ތަޖްރިބާ ބޮޑު ޖަނާހު ވިދާޅުވީ އޭނާގެ އުއްމީދަކީ އެއްދުވަހަކުން ވެރިރަށް މާލެ އަށް ވުރެ ވިލިނގިލީގެ ބިމުގެ އަގު ބޮޑުވެގެންދާ ތަން ފެނުން ކަމަށެވެ.

ދުބާއީގެ ބުރްޖް ޚަލީފާ

ބުރްޖް ޚަލީފާގެ ކުރު ތައާރަފެއް

ދުބާއީގެ ބުރްޖް ޚަލީފާ އަކީ އެހާ ތަނަށް ދުނިޔޭގައި ހެދި އެންމެ އުސް އިމާރާތެެވެ.

  • އިމާރާތް ކުރަން ފެށީ: 6 ޖެނުއަރީ 2004

  • އިމާރާތް ނިމުނީ: 1 އޮކްޓޯބަރު 2009
  • ހުޅުވީ: 4 ޖެނުއަރީ 2010
  • ޚަރަދު: 1.5 ބިލިއަން ޑޮލަރު
  • ވެރިފަރާތް: އީމާރް ޕްރޮޕަޓީސް
  • އުސްމިން" 829.8 މީޓަރު (2،722 ފޫޓު)
  • ފްލޯގެ އަދަދު: 163

ބެލްޖިއަމްގެ ބީސިކްސް ގްރޫޕް

ބެލްޖިއަމްގެ ވެރިރަށްި ބްރަސަލްސްގައި މައި އޮފީސް ހުންނަ ބީސިކްސް ގްރޫޕުން އަންނަނީ 1909 ވަނަ އަހަރުން ފެށިގެން ޔޫރަޕާއި މެދުއިރުމަތި، އޯޝޭނިއާ، އެފްރިކާ، ނޯތު އެމެރިކާ އަދި އޭޝިޔާގައި އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އެއީ ބެލްޖިއަމްގެ 50 ޕަސެންޓް އަދި މިސްރުގެ އޮރެސްކޮމްގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެެވެ.

ވިލިނގިލީ އެއާޕޯޓް ޕްރޮޖެކްޓުގެ އެމްއޯޔޫގައި މިއަދު ސޮއިކުރަނީ. --ފޮޓޯ:ރައީސް އޮފީސް

ބީސިކްސް ކުންފުނިން އިމާރާތްކުރި މުހިންމު ތަންތަނުގެ ތެރޭގައި:

  • ބުރްޖު ޚަލީފާ
  • ޔޫރަޕިއަން ޕާލަމެންޓް ބިލްޑިން
  • މިސްރުގެ ގްރޭންޑް މިއުޒިއަމް
  • ޕެރިހުގެ ޓްރަޔަންގަލް ޓަވަރު
  • ދުބާއީގެ ޝެއިޚް ގްރޭންޑް މިސްކިތް
  • އަބޫ ދާބީގެ އެމިރޭޓްސް ޕެލަސް
  • އޮސްޓްރޭލިއާގެ ވަން ސެންޓްރަލް ޕާކް
  • އަބޫ ދާބީގެ ޝެއިޚް ޒައިދު ބްރިޖް
  • ދުބާއީގެ ދި އެޑްރެސް ޑައުންޓައުން

ސަރުކާރުން މިހާރު ވަނީ ގދ. ތިނަދޫ ފަޅުގައި ވެސް ބައިނަލްއަގުވާމީ އެއާޕޯޓަކާ އެކު 17 ރިސޯޓް ހިމެނޭ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ތައިލެންޑުގެ ޕޭންސިފިކް ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

https://www.youtube.com/watch?v=Ue4iwhX4T0I&t=46s