ހުއްޓިފައިވާ ދިވެހި ޕްރިމިއާ ލީގާއި، ފުރަތަމަ ޑިވިޝަންގެ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ކިބައިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެދިއްޖެ އެވެ.

ކޮވިޑް-19ގެ ކޭސްތައް މާލޭގައި ގިނަވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން، ޓީމު ކުޅިވަރު ހަރަކާތްތައް ދެ ހަފުތާގެ މުއްދަތަކަށް ހުއްޓާލައިފަ އެވެ. އެހެންކަމުން، ދިވެހި ޕްރިމިއާ ލީގާއި ކްލަބުތަކުގެ ފަރިތަކުރުންތައް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

ލީގުގެ އަށް ކްލަބުގެ ސީނިއާ ކުޅުންތެރިން އިއްޔެ މަޒާޑާ ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލަބު ވެލެންސިއާގެ ކެޕްޓަން ދަގަނޑޭ ބުނީ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލައިފައި އޮތުމުން، ކްލަބުތަކާއި ކުޅުންތެރިންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިގެންދާ ކަމަށެވެ.

"މި ދަނޑިވަޅުގައި ސިއްހީ ދާއިރާގެ ފަރާތްތަކުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރަން،" ދަގަނޑޭ ބުންޏެވެ. "މި ވަގުތު ފުޓްބޯޅަ އަށް މި ލިބެމުންދާ ގެއްލުން ކުޑަކުރެވޭތޯ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކުރަންޖެހޭ. އަޅުގަނޑުގެ އުންމީދަކީ މިކަމާމެދު ވިސްނައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން (ފުޓްބޯޅައިގެ ހަރަކާތްތައް) ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުން."

ދަގަނޑޭ ބުނީ ފުޓްބޯޅަ އަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު، ހުރިހާ ކްލަބެއްގެ އެކައްޗެއް ކިޔައިގެން ކުރަމުންދާ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށާއި އެކަމަށް ތައުރީފް ހައްގު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓަރީގެ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ބުނީ ކުޅުންތެރިންނަކީ ފުޓްބޯޅަ އިން ލިބޭ އާމްދަނީ އަށް ބަރޯސާވާ ބައެއް ކަމަށާއި ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފެށުމުގެ މަގެއް ހޯދުން ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ޖޮބް އަދި ދެވަނަ ޖޮބަކީ ވެސް މިއީ. މިކަމުން އެބަލިބޭ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސޭ ވަރުގެ އާމްދަނީއެއް. އެހެންވެ އަޅުގަނޑުމެން މި ކަމުގައި މި އުޅެނީ،" މެސީ ބުންޏެވެ.

ލީގުގެ އެއް ބުރު ނިމި، ދެވަނަ ބުރު ފެށިފައި ވަނިކޮށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ހަރަކާތްތައް ހުއްޓާލަން ޖެހުމާ ގުޅިގެން، ކްލަބުތަކުން ވަނީ އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.