ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމެވީ އިންތިޚާބު ލަސްކޮށްފިނަމަ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މީގެ ކުރިން އިންތިޚާބުތައް ބާއްވަމުން އައީ ސަރުކާރު ބަންދު ހޮނިހިރު ދުވަހު އެވެ.

ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި އިސްލާހުގައިވާ ގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަވަން ނިންމެވި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރައްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އޭޕްރީލް 21ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށް ވުރެ އިތުރަށް ލަސްކޮށްފިނަމަ ގާނޫނުގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވި އެވެ.

ވޯޓުލާ ތާރީޚަށް ގެންނެވި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށް އެ ކޮމިޝަނުންވަނީ ބުނެފަ އެވެ. މިއާއެކު އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާފަ އެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ދެވަނަ ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ. އެގޮތުން އަލުން ރީ-ރެޖިސްޓްރީވާން 3 ދުވަހުގެ މުއްދަތެއް ދޭނެ އެވެ.

މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލި މުއްދަތުގައި ބައެއް ގައުމުތަކާއި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުންގެ އަދަދު މަދުވުމުން ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމެވީ މެލޭޝިއާ އާއި ސްރީލަންކާގަ އެވެ. ނަމަވެސް އަލުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ވޯޓުފޮށިތަކުގެ އަދަދަށް ވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހެނދުނު 8:00ން ހަވީރު 4:00 އަށް ކަމަށެވެ. އަދި 4:30 ގެ ފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ދާއިމީ ނަތީޖާ އަންނަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.