ރާއްޖޭގެ އެންމެ ގިނަ ދުވަސްވަންދެން ނެރުނު "ހަވީރު"ގެ ނޫހުގެ މިލްކުވެރިޔަކީ ޑރ. މުހައްމަދު ޒާހިރު ހުސެއިން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

"ހަވީރު" އާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އެއްވަރަށް ހިއްސާވާ ގޮތަށް މާޗް 31، 1983 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އުފެއްދި "ހަވީރު ނޫސް އެޖެންސީ" އިން ކަމަށާއި އެ އެއްބަސްވުމުގައިވާ ގޮތުން "ހަވީރު"ގެ މުދަލާއި ލިބޭ ފައިދާ އެ ހަތަރު މީހުންގެ މެދުގައި ބަހަން ޖެހޭ ކަމަށް ބުނެ ރަޝީދު މޫސާ އާއި ފާރޫގު ކުރެއްވި ދައުވާގައި ޒާހިރުއާ އެއްކޮޅަށް ކުރި ހުކުމް ހައި ކޯޓުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އޮތީ ބާތިލްކޮށްފަ އެވެ. އެހެންވެ ޑރ. ޒާހިރުގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އޭރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

އޭގެ ފަހުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުގައި މި ނިންމުން އިލްތިމާސްކުރުމުން މައްސަލަ އަލުން ބަލަން ނިންމައި ހައި ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތުގައި ބެލެހެއްޓެވި އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗުން މި މައްސަލައިގައި މިއަދު ކުރެއްވި ހުކުމުގައި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރީ އެވެ.

ކޯޓުގައި ޑރ. ޒާހިރުގެ ފަރާތްޕުޅުންނާއި "ހަވީރު"ގެ ފަރާތުން ބުނަމުން ދިޔައީ "ހަވީރު"ގެ މިލްކުވެރިކަން އެއްވެސް އިރެއްގައި "ހަވީރު ނިއުސް އެޖެންސީ" އަށް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަހަލަ އެއްވެސް މުއާމަލާތެއް އެއްވެސް ކޯޓެއްގައި ހިންގާފައިނުވާނެ ކަމަށް "ހަވީރު"ގެ ފަރާތުން ބުނެފައިވެ އެވެ.

"ހަވީރު މީޑިއާ ގްރޫޕް" އަކީ ޑރ. ޒާހިރުގެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފަހުން "ހަވީރު"ގެ ހުރިހާ މުދަލެއް ބަދަލުކޮށް، 2013 އިން ފެށިގެން، "ހަވީރު" ހިންގަމުން އައީ އެ ކުންފުނިންނެވެ.

މާޗު 31، 2016 ގައި، އޭރު 37 އަހަރު ވީ ނޫސް ހުއްޓާލީ، އަނެއް ތިން ބޭފުޅުން ބައިވެރިކޮށްގެން "ހަވީރު"ގެ ހުރިހާ މުއާމަލާތެއް ކުރަން ނެރުުނު ވަގުތީ އަމުރާ ގުޅިގެންނެވެ.