ޕްރިޔަންކާއާއި ކެޓްރީނާއަކީ އެއް އިރެއްގައި ބޮލީވުޑްގައި ވަރަށް ގާތުން ވާދަކުރި ދެ ތަރިންނެވެ. ދެ ތަރިން ވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުން ދިޔައިރު އެ ދެމީހުންގެ ތަފާތުތަކެއް ވެސް އާއްމުންނަށް ފާހަގަވި އެވެ.

އެހެން ނަމަވެސް މިފަހަރު މިއޮތީ އެ ދެމީހުންގެ އެއްގޮތް ކަމެއްގެ ވާހަކަ އެވެ. ކެޓްރީނާއާއި ޕްރިޔަންކާ ވަނީ އިންޑިއާގެ ނެށުމުގެ ވައްތަރެއް ކަމަށްވާ "ކަތަކް" ދަސްކޮށްދޭ ކްލާހެއްގައި އެކުގައި ކިޔަވާފަ އެވެ.

"މިޑް ޑޭ"އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ އޭނާ ބޮލީވުޑަށް ނުކުތް ދުވަސްވަރުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން ކަތަކް ކުލާހުގައި އޭނާއާއެކު ޕްރިޔަންކާއާއި ލާރާ ދައްތާ އުޅުނު ކަމަށް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ އިތުރަށް ބުނީ ޕްރިޔަންކާއަކީ ކްލާހުގެ "ސްޓާރެއް" ކަމަށާއި އޭނާގެ ނެށުމުގެ ހުނަރަކީ އަރާ ހަމަ ނުކުރެވޭނެ ހުނަރެއް ކަމަށެވެ.

މީގެ އިތުރުން ވެސް ކެޓްރީނާ ވަނީ އެ ދުވަސްވަރަކީ އޭނާ ބޮލީވުޑަށް ނުކުތް ދުވަސްވަރު ކަމުން އޭނާގެ ހިންދީ ބަހުގެ ފެންވަރު ރަނގަޅު ކުރަން ވެސް ކްލާސްތަކެއް ނެގިކަން ހާމަކޮށްފަ އެވެ.

ކެޓްރީނާއާއި ޕްރިޔަންކާ އެކުގައި ބޮޑު ސްކްރީނުން ނުފެނުނު ނަމަވެސް ފަރްހާން އަހްތަރުގެ "ޖީލޭ ޒަރާ" އެ ދެތަރިންނަށް ވެސް ހުށައަޅާފައިވެ އެވެ.