މަޝްހޫރު ބޮލީވުޑް ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ބައި އިއުލާން ކުރެވިފައިވާއިރު ގިނަ ބައެއްގެ ސުވާލަކީ އެ ބައިގައި ފެންނާނީ ކޮން ތަރިންނެއްތޯ ކުރެވުނު ސުވާލެވެ.

މާ ލަސްތަކެއް ނުވެ އެ ސުވާލުގެ ޖަވާބުވެސް އާއްމުންނަށް ލިބުނެވެ. ޑޮންގެ ތިންވަނަ ފިލްމުގެ ލީޑުން ފެނިގެންދާނީ ރަންވީރު ސިންހްއާއި ކިއާރާ އަދްވާނީ އެވެ.

ފިލްމުގެ އަންހެން ލީޑުގެ ރޯލަށް ކިއާރާގެ އިތުރުން ކްރިތީ ވެސް ހޮވުނުއިރު ކިއާރާ ފައިނަލްކުރަން ނިންމީ ފިރިހެން ލީޑު ރަންވީރުގެ އެދުމަށެވެ.

މި ފިލްމު ކުޅެދިނުމަށް ކިއާރާ ވަނީ އޭނާގެ ރެކޯޑު އަގެއް ކިޔާފަ އެވެ. އެގޮތުން ފިލްމުގެ އަގެއްގެ ގޮތުގައި ކިއާރާ ކިޔާފައިވަނީ 13 ކްރޯޑް އިންޑިއާ ރުޕީސް އެވެ.

ބުނެވޭ ގޮތުގައި ކިއާރާ އެހާ ބޮޑު އަގެއް ނެގީ ފިލްމުގައި ކުޅެން ޖެހޭ އެކްޝަން މަންޒަރު ތަކުގެ ސަބަބުންނެވެ. އެކަމަށް އޭނާ ހާއްސަ ތަމްރީނުތަކެއް ކޮށް ތައްޔާރީތަކެއް ވާންޖެހޭނެ އެވެ.

ޑޮން 1ގައި އަމީތާބް ބައްޗަންއާއެކު ޒީނަތު އަމަން ފެނިގެން ދިޔައިރު ދެވަނަ ބައިން ފެނިގެން ދިޔައީ ޝާހްރުކް ޚާންއާއި ޕްރިޔަންކާ ޗޯޕްރާ އެވެ. އެ ދެ އަންހެން ތަރިން ވެސް ވަނީ ގިނަ އެކްޝަން މަންޒަރުތަކެއް ފިލްމުގައި ކުޅެފަ އެވެ.