ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައި، ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު އަރުވައިފި އެވެ.
އެ ޖަލްސާ އޮންނާނީ މި މަހުގެ 25، ވާ ހޯމަ ދުވަހު ރޭ 9:00 ގަ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަނު ކުރަން ނިންމާފައި ވަނީ ހަސަން ޒަރީރު، ހުޅުމާލެ، ފްލެޓް ނަންބަރު ބީ-1-3ސ،ީ ކ. މާލެ އަދި އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3--04-35، ކ. މާލެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް ބޯޑުގެ ޖުމްލަ އަދަދަކީ 11 ކަމަށްވާއިރު، ބޯޑުގައި ސަރުކާރު ތަމްސީލުކުރަން ތިއްބަވަނީ 8 މެމްބަރުންނެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ތިން މެމްބަރުން ތިއްބަވަ އެވެ.
މިހާރުގެ ސަރުކާރުން ބޭންކުގެ ޗެއާމަނާއި ހަތަރު ޑިރެކްޓަރަކު ބޯޑުން ވަކިކުރަން ނިންމިއިރު، ވަކިކުރި ދެ ޑިރެކްޓަރުން އަނބުރާ ބޯޑަށް އައްޔަނުވެސް ކުރި އެވެ. ނަމަވެސް ބީއެމްއެލްއިން ނިންމީ، ބޯޑު މެމްބަރުން މަގާމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމުން، ބޯޑަށް ބަދަލެއް ނާންނަ ކަމަށެވެ.
ބީއެމްއެލްގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށެވެ. މީގެ އިތުރުން މި ޖަލްސާގައި ބައިވެރިވެވޭނީ މާޗު 14، ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ.
ޖަލްސާގައި 40 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.
ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެން މާޗު 23، ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގެ ކުރިން ޕްރީ-ރަޖިސްޓްރީ ކުރަން ޖެހޭއިރު، ޖަލްސާގައި ބައިވެރިވެވޭނީ ޕްރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.
ޖަލްސާގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތައް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރީކުރުމަށް އެދޭ ފޯމް ބޭންކުގެ mv.com.bml@corporateaffairs އަށް އީމެއިލްކޮށްގެންނެވެ.