ކުޑަކުދިންނަކީ މޫސުމީ ރޯގާތަކާ ވަރަށް ރައްޓެހި ބައެކެވެ. ދިރިއުޅޭ ހިސާބުގަނޑުގައި ރޯގާއެއް ފެތުރޭނަމަ އެ ރޯގާއެއް އެންމެ ފަސޭހައިން ޖެހޭނީވެސް ކުޑަ ކުދިންނަށެވެ.

އެހެންވެ ދަރިފުޅަށް ރޯގާ ޖެހިދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހެ އެވެެ. އަދި ރޯގާ ޖެހިއްޖެނަމަ ކަންތައް ކުރަންވީ ގޮތް ވެސް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. މި ބަލާލަނީ ކުޑަކުދިންގެ އަރިދަފުސް ރޯގާއަށް ދެވިދާނެ ގެވެށި ބައެއް ފަރުވާ ތަކަށެވެ.

މާމުޔާއި ލުނބޯ ހުތް

މާމުޔާއި ލުނބޯ ހުތަކީ ރޯގާ އާއި ކެއްސުމަށް ފަރުވާ ކުރުމަށް އެންމެ ގިނައިން ބޭނުން ކުރާ ދެ ބާވަތެވެ. އެގޮތުން މި ދެ ބާވަތް އެއްކޮށްލުމަށްފަހުވެސް ކުޑަ ދަރިފުޅަށް ދެވިދާނެ އެވެ. ނުވަތަ ހަމައެކަނި މާމުއި ކޮޅެއްވެސް ދަރިފުޅަށް ދެވިދާނެ އެވެ.

އެހެންނަމަވެސް ހަނދާނުގައި ބަހައްޓާށެވެ. މާމުއި ދެވޭނީ ދަރިފުޅަށް އެއް އަހަރު ފުރިފައިވާ ނަމައެވެ. އެއަށްވުރެ ދަށް އުމުރުގެ ކުދިންނަށް މާމުއި ދިނުމަކީ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެކެވެ.

ރީނދޫ

ނުމުގުރާ ހުރި ރީނދޫ ކޮޅެއް ތަވާ މައްޗަށް ލައި ރަނގަޅަށް ހަނާ ކޮށްލާށެވެ. އެއަށްފަހު އެ ރީނދޫތައް މުގުރާލާށެވެ. އަދި އެ މުގުރި ރީނދޫ ފެންފޮދަކާ އެއްކޮށްލުމަށްފަހު ދަރިފުޅުގެ މޭ މައްޗާއި ނިތްކުރި އަދި ފައިތިލައިގައި ހާކާލާ އިރުކޮޅަކަށް ބަހައްޓާށެވެ. އޭރުން ރޯގާއަށް ލުއި ކަމެއް ލިބޭނެ އެވެ.

މަސްޓަޑު ތެލާއި ލޮނުމެދު

މަސްޓާޑުތެޔޮ ފޮދަކަށް ލޮނުމެދު ކޮޅެއް އެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ލޮނުމެދުތަކުގެ ކުލަ ބަދަލު ވާން ފެށުމުން ތެޔޮ އެތި އުނދުންމަތިން ބާލާ ހިހޫ ވަންދެން ބަހައްޓާށެވެ. ތެޔޮފޮދު ހިހޫ ވުމުން ފުރާނާލާ ލޮނުމމެދާ ތެލާއި ވަކިކޮށްލާށެވެ. އަދި އެ ތެޔޮ ބޭނުންކޮށްގެން ކުޑަ ދަރިފުޅުގެ ފައިތިލަ އާއި ބުުރަކަށި އަދި މޭމަތި މަސާޖުކޮށްލާށެވެ.