އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަ މަސް ފެށުނުއިރު ކަރަލުގެ އަގު ހެޔޮވެފައި ވީނަމަވެސް ރޯ މިރުހުގެ އަގު މިވަނީ ބޮޑުވެފަ އެވެ.
ކޮންމެ އަހަރަކު ރޯދަމަހު އަގު މައްޗަށްދާ ކަނޑޫދޫ މިރުހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެގޮތުން 100 ގްރާމް މިރުހުގެ އަގު މިހާރު އުޅެނީ 65 ރުފިޔާ އާއި 75 ރުފިޔާ އާ ދެމެދު އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދާކަން ފާހަގަކުރެވެ އެވެ.
ރޯދަ މަހު ފަނި ގިރަން އެންމެ ޑިމާންޑް ބޮޑު ކަރާ، ރޯދައަށް ހާއްސަކޮށްގެން މިހާރު ވަނީ މާރުކޭޓަށް ގެނެސްފަ އެވެ. ހުރިހާ ގޮޅިތަކެއްގައި ވެސް ކަރާ ލިބެން ހުރިއިރު މިއަދު ކަރާ ކިލޯއެއް ލިބެން ހުރީ 15 ރުފިޔާ އާއި 20 ރުފިޔާ ދެމެދު އެވެ. މިއީ ރޯދައިގެ ކުރިން ވެސް ކަރާ ކިލޯއެއް އާއްމުކޮށް ވިއްކި އަގެވެ.
އެންމެ ގިނައިން މާރުކޭޓަށް ކަރާ ގެންނަނީ އއ. ތޮއްޑު އާއި ށ. ގޮއިދު އާއި ތ. ކަނޑޫދު އާއި ކ. ކާށިދޫންނެވެ.
ބާޒާރުގައި ހުރި އެހެން ބައެއް ތަކެތީގެ އަގު:
ލުނބޯ ކިލޯއެއް: 65 ރުފިޔާ އާއި 75 ރުފިޔާ ދެމެދު
ކެރެޓް ކިލޯއެއް: 25 ރުފިޔާ އާއި 30 ރުފިޔާ ދެމެދު
ކެބެޖް ކިލޯއެއް: 20 ރުފިޔާ އާއި 25 ރުފިޔާ ދެމެދު
ފަޅޯ ކިލޯއެއް: 40 ރުފިޔާ އާއި 45 ރުފިޔާ ދެމެދު
ފެޝަންފުރުޓް ކިލޯއެއް : 55 ރުފިޔާ އާއި 65 ރުފިޔާ ދެމެދު
ބަރަބޯ ކިލޯއެއް: 20 ރުފިޔާ އާއި 25 ރުފިޔާ ދެމެދު
އާންމުކޮށް ބޭނުންކުރާ ތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ އެސްޓީއޯ މެދުވެރިކޮށް އެތަކެތި އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިޔާ، އަލުވި، ބިސް އަދި ލުނބޯ އެސްޓީއޯއިން އަންނަނީ އަގުހެޔޮކޮށް ވިއްކަމުންނެވެ. ބާޒާރުގައި ފިޔާ ކިލޯއެއް 25 ރުފިޔާއަށް ލިބެންހުރިއިރު އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 17 ރުފިޔާއަށެވެ.
ލުނބޯ ކިލޯއެއް ބާޒާރުގައި 65 ރުފިޔާއިން މަތީގައި ހުރިއިރު އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 50 ރުފިޔާ އަށެވެ.