މިއީ ރާއްޖެއަށް އާއްމުކޮށް އެންމެ ހޫނު ގަދަވާ ދުވަސް ވަރެވެ. ނަމަވެސް މި ދުވަސްވަރު މެންދުރުގެ އަވިގަދަ ވަގުތުތަކުގައި ވަނީ ދިލަ ހޫނެކެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނި ގޮތުގައި މާޗު މަހާއި އޭޕްރީލު މަހު ރާއްޖެއަށް އާދަޔާހިލާފަށް ހޫނު ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށެވެ.

މެޓް އޮފީހުން ބުނީ އާއްމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު 11 އާއި 14 އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެ ކަމަށެވެ. އަދި މި ދެ މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި އެ ގޮތުން ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއްޖަހާއިރު ކަމަށް ވެސް ބުންޏެވެ.

މިއީ ހޫނުގަދަ ދުވަސްވަރަކަށްވުމާ އެކު މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވާން ޖެހެ އެވެ. މި ގޮތުން އަވީގެ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުމުން ސަލާމަތްވުމަށް އަވިއައިނު ބޭނުން ކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް ވެސް ސަމާލުވާން ޖެހެ އެވެ. އަދި އަވިން ހަންގަނޑު ސަލާމަތް ކުރުމަށް ސަން ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން ވެސް މުހިންމެވެ.