މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެ ކަމަށެވެ.
އެގޮތުން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އެއިދާރާއިން ބުނެ އެވެ.
ޒަކާތު ހައުސްއިން ބުނީ ރޯދަ މަހުގެ ފަހު ދިހަޔެއްގައި ސަރުކާރު އޮފީސްތައް ބަންދުކަމުގައި ވީނަމަވެސް، އެ ދުވަސްތަކުގައި ވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.
މިއަހަރުގެ ފިތުރު ޒަކާތް 6 ޕްލެޓްފޯމަކުން އޮންލައިންކޮށް ދެއްކުމަށް ހުޅުވާލާފައިވެ އެވެ. އެގޮތުން، ދިރާގާއި އުރީދޫ އެޕާއި، އިސްލާމިކް ބޭންކުގެ އެޕާއި، ބީއެމްއެލްގެ އެޕާއި، ފަހިޕޭގެ އިތުރުން ބަނޑޭރިޕޭ ބޭނުންކޮށްގެން ވެސް ޒަކާތް ދެއްކޭނެ އެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ހޯލަށް ގޮސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އެގޮތުން މި މަހުގެ 12 އިން 28 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 1:30 އަށް ޒަކާތް ބަލައިގަންނާނެ އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނުވަނަ ދުވަހާ ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ޒަކާތް ބަލައިގަތުން ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުންސިއިން ބުނެ އެވެ.
މާލެ ސަރަޙައްދުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
- ރަތް ހަނޑޫ - 80 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
- އާދައިގެ ފުށް - 10 ރުފިޔާ
- އާޓާ ފުށް - 75 ރުފިޔާ
ފިތުރު ރޯދަ ޒަކާތަކީ ރޯދަ މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭ އެއްޗެކެވެ. ފިޠުރު ޒަކާތް ނެރޭނީ އެ ބަޔަކު އަހަރުގެ ތެރޭގައި ޢާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯ އެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ފިތުރު ޒަކާތް ފިތުރު އީދު ދުވަހުގެ ކުރިން ބަހައި ނިންމަން ޖެހެ އެވެ. ފިތުރު ޒަކާތް ބަހަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.