ގޭބިސީތަކާއި ޖެހިގެން ހުންނަ މިސްކިތްތަކުގައި ބަންގި ގޮވާ ވަގުތާއި ގަމަތުގެ އަޑު ބޭރަށް އިވޭ ގޮތަށް ހުރި ނަމަވެސް ނަމާދު ކުރާ ވަގުތުތަކުގައި އެންމެ ރަނގަޅީ މިސްކިތުގެ ތެރެއަށް ނަމާދުގެ އަޑުއިވޭ ގޮތަށް ބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ގޭގައި އުޅޭ މީހުންނަށް އިޝާ ނަމާދު ކުރެވެނީ އެ ސަރަހައްދުގައި ހުރި މިސްކިތުން ތަރާވިސް ނަމާދުކޮށް ނިމުމުން ކަމަށާއި، އެއީ ކޮންމެ ރޯދަ މަހެއްގެ ވެސް ހާލަތު ކަމަށް މުހައްމަދު އިސްމާއިލް (އިބްރާ) މިނިސްޓަރު ޓެގްކޮށް ކުރި އެކްސްގައި ކުރި ޕޯސްޓަކަށެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އާއި ތަރާވިސް ނަމާދު އަދި ދަމު ނަމާދު އެންމެ ރަނގަޅުވެގެން ވާނީ މިސްކިތުގެ ތެރެއަށް އަޑުއިވޭ ގޮތަށް ހުރުން ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކާއި، ގޭގައި ކުރާ ނަމާދަށް ދަތި ނުވާނެހެން އެކަން ކުރުން ރަނގަޅުވެގެންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެކަމަކު ޝަހީމްގެ ޕޯސްޓަށް އިބްރާހިމް އިސްމާއިލް (އިބްރާ) އަނެއްކާ ވެސް ވިދާޅުވީ މިސްކިތުން ކުރި ނަމަވެސް އާންމުކޮށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމަކީ އާންމު އިޖްތިމައީ މިންގަނޑުތަކުގެ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި އެއީ ކުށެއް ކަމަށާއި، އަޑުގަދަ ކުރާއިން ބޭރަށް އަޑު އިވޭ ގޮތަށް ނަމާދު ކުރުމަކީ ދީނާ ހިލާފުކަމެ އްކަމަށް އޭނާ ވިދާޅުވި އެވެ. އިބްރާ ވިދާޅުވީ އެކަން އިސްލާމިކް މިނިސްޓްރީއަށް ހުއްޓުވޭނެ ކަމަށެވެ.

ޖަވާބުގައި ޝަހީމް ވިދާޅުވީ ރައްޔިތުންގެ ހުރި ޝަކުވާތައް ހައްލުކޮށް ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް، އާންމުންގެ އެފަދަ ޕޯސްޓުތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދު ކުރާ ވަގުތުތަކުގައި ހަމައެކަނި މިސްކިތު ތެރެއަށް އަޑު ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.