ދެ ދައުރު އަދާކޮށްފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނަށް އިނާޔަތާ އެކު ރިޓަޔާވެވޭ ގޮތަށް އެކޮމިޝަންގެ ގަވައިދު އިސްލާހުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އެކުލަވާލި ގަވައިދުގައި ބުނެފައިވަނީ ރިޓަޔާކުރުމުގެ ދަރަޖައާ އެކު، ވަޒީފާ އިން ވަކިކުރެވޭނީ، އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. އަދި ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެން ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެ އުސޫލުގެ ދަށުން ރިޓަޔާ ކުރާއިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބޭނެ އެވެ. އަދި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދޭންވާނެ އެވެ.

ނަމަވެސް، އެ މީހަކު ހިދުމަތްކުރި އަހަރު 15 އަހަރަށް ވުރެ އިތުރުވެފައިވާ ނަމަ ގަނޑުކޮށް އެއްފަހަރާ ފައިސާ ދިނުމުގައި ބަލާނީ 15 އަހަރަށެވެ.