އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

އެސްޓީއޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަޝްރޫއަކީ ޓޫރިޒަމްއެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖޭގެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނިން ބުނީ ވިޓޯލް އާއި އެސްޓީއޯއިން ސޮއިކުރާ ޓާމް ޝީޓްއަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކަނޑައަޅައި، އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރެވޭ ޓާމް ޝީޓްއެއް ކަމަށެވެ. އަދި އެސްޓީއޯއާއި ވިޓޯލްއަކީ ވިޔަފާރީގެ ގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެ ކުންފުނި ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެސްޓީއޯ އާއި ވިޓޯލް ކުންފުނިން އިހަވަންދިއްޕޮޅުގެ ބަންކަރިން ޕްރޮޖެކްޓުގެ ޓާމް ޝީޓުގައި މިއަދު ސޮއި ކުރުމަށްފަހު ދެ ކުންފުނީގެ އިސްވެރިން ސަލާމްކުރައްވަނީ. -- ފޮޓޯ: އެސްޓީއޯ

ވިޓޯލްއަކީ ކޮބާ؟

  • ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުނި. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރޭ. މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކާ.
  • އަދި، ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރު ސަޕްލަޔަރު، އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރު

މި އެއްބަސްވުމުގެ ދަށުން:

  • މި އެއްބަސް ވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާރޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިން ހަބް އެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުން.
  • ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ދިވެހި ރާއްޖެ މާކެޓް ކުރުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ލަފާ ކުރެވޭ.
  • މީގެ ތެރެއިން ބޯޓުތަކައް ބޭނުން ވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ، އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތާނގައި އެލްއެންޖީ އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ.
  • މި ޓާމް ޝީޓް އާ ގުޅިގެން ހެދޭ އެއްބަސްވުމުގައި، އެސްޓީއޯ ވާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކަ ސަޕްލަޔަަރަށް.