ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މ. މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވާނުވާ ބަންދުގައި ތިބި މީހުންނަށް ގާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ނަޝީދާ ސުވާލުކުރެއްވީ އޭނާގެ ފިރިމީހާ ބަންދެއްގައި ހުންނަތާ ދެ އަހަރުވީ އިރު ޝަރީއަތުން މައްސަލައާއި މެދު ގޮތެއް ނިންމާފައި ނުވާތީ އެވެ.

ނަޝީދާގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތި މައްސަލަ އަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ފުލުހުންގެ ތަހުގީގު މަރުހަލާގައި ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. މިހާރު ކުރެވޭ މަސައްކަތްތަކާ އެކު ވާނުވާގެ މައްސަލަ ރަނގަޅު ދާއިމީ ހައްލެއް ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަ މަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. މީގެ އިތުރުން ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކުރާ އަމުރުތައް ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ މެދުގައި މަޝްހޫރު ވެފައި އޮންނާނީ "ވާނުވާ" ގޮތުގަ އެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ޝަރީއަތް ނިމޭނެ ވަކި ދުވަހެއް އެއްވެސް މީހަކަށް ބުނަން ނޭނގޭތީ ބޭނުންކުރާ ބަހެކެވެ.