މާލެ ސަރަހައްދުގައި މިދުވަސްވަރު ކޮވިޑް ފެތުރުން އިތުރުވަމުންދާއިރު އެންމެން ވެސް ބަލަންވީ ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށް ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ ލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. އަލީ ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވުން މަދުކުރެވޭނީ ފަރުދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ބަރާބަރަށް ފިޔަވަޅު އަޅައިގެން ކަމަށެވެ. އެގޮތުން މާސްއެޅުމާއި ގައިދުރުކުރުން އަދި ގިނަގިނައިން އަތްދޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޭސްތައް އިތުރުވަމުންދާ ނަމަ އެޑްމިޓްނުކޮށް ދޫކޮށްލަން ޖެހިދާނެ. މިހާރު ވެސް ބައެއް ދުވަސްތަކުގައި 15 އާއި 30އާ ދެމެދުގެ އަދަދަކަށް މީހުން އެބަ އެޑްމިޓްކުރޭ،" ޑރ. އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ފަރުވާދޭން ހުޅުމާލޭގައި ހުންނަ ފެސިލިޓީގައި މިވަގުތު ބާކީ ހުރީ އެންމެ 15 އެނދު ކަމަށެވެ. އަދި ކޭސްތައް އިތުރުވުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އަޅަން ޖެހޭ އެހެން ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ޑރ. އަލީ ވިދާޅުވި އެވެ.

"މިހާރު ވެސް މަގުމަތީގައި އެއްފަހަރާ ދިހަ މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށާއި ވެހިކަލް ރެސްޓްރިކްޝަން ގެންނަން ޖެހުނީ މަޖުބޫރުވެގެން. އެހެންވީމަ މަޖުބޫރު ނޫން ކަމެއްގައި ނޫނީ ބޭރަށް ނުދިއުން އަޅުގަނޑުމެން އެދެނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ފަރުވާދޭން މިހާރު ޖަހާފައި ހުރި އެނދުތަކުގެ 80 ޕަސެންޓް ފުލްވެފައިވާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން ނުޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް ޑރ. އަލީ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ލޮކްޑައުންއަކަށް ދިއުމުން ދިމާވި މައްސަލަތައް ވެސް. ލޮކްޑައުންއަކަށް ދިއުމުން ކޭސްތައް ވަރަށް ބޮޑަށް މަދުވި، ނަމަވެސް އެއާ ގުޅިގެން އެހެން ބައިވަރު މައްސަލަތައް ދިމާވި. އެހެންވީމަ އެފަދަ ހާލަތަކަށް ނުގެންދިއުން އަޅުގަނޑުމެންގެ އިލްތިމާސަކީ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު ސްކޫލްތައް ބަންދު ނުކުރަނީ ކީއްވެގެންތޯ ދެންނެވުމުން ޑރ. އަލީ ވިދާޅުވީ ކޭސްތަކެއް ސްކޫލްތަކުން ފެނުނު ނަމަވެސް ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންދަނީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. ނަމަވެސް ސްކޫލްތަކާ ގުޅިގެން ކޭސްތައް އިތުރުވާކަން ފާހަގަކުރެވޭ ނަމަ ސްކޫލްތައް ބަންދުކުރުމާމެދު ވިސްނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޫލްތައް ބަންދުކުރުމާމެދު އެއްޗެއް ދަންނަވަން އެނގޭނީ ސްކޫލްތަކުން ކޭސްތައް އަންނަ ގޮތަކުން. އެ ދަރަޖައަށް އައިސްފި ނަމަ ސްކޫލްތައް ބަންދުކުރާނެ،" ޑރ. އަލީ ވިދާޅުވި އެވެ.