އިމްޕޯޓު އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 208 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 297 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 30 ޕަސެންޓް ދަށް އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް ވަނީ 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫންނެވެ.
ފެބްރުއަރީމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ
- އޮމާން - 657 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ - 606 މިލިއަން ރުފިޔާ މުދާ
- ޔޫއޭއީ - 579 މިލިއަން ރުފިޔާގެ މުދާ
- ޗައިނާ - 578 މިލިއަން ރުފިޔާގެ މުދާ
- ސިންގަޕޫރު - 403 މިލިއަން ރުފިޔާގެ މުދާ
ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ
- ތެލުގެ ބާވަތްތައް؛ މެރިން ގޭހާއި ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭސް ވެސް ހިމެނޭހެން 964 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކުރި
- ކާބޯތަކެތި؛ 951 މިލިއަން ރުފިޔާގެ މުދާ މި ކެޓެގަރީ އިން އެތެރެކުރި
- މެޝިނަރީ އާއި މެކޭނިކަލް އެޕްލަޔަންސް؛ 893 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދުވަނީ ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 191 މިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައި ވަނީ 232 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަން، ބަންގްލަދޭޝް އަދި ފަރަންސޭސިވިލާތަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ މަހު އެ އިދާރާ މެދުވެރިކޮށް ރޯޔަލްޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.