ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ތަރި ޓައިގާ ޝްރޮޕް ޕޫނޭގެ އެންމެ އަގުބޮޑު ސަރަހައްދުން 7.5 ކްރޯޑް ރުޕީސްއަށް ގެއެއް ގަނެފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ޖުމްލަ 4248 އަކަފޫޓުގެ އެ ގެ ޓައިގާ ގަނެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. ގަތުމުގެ ކުރިން ސްޓޭމްޕް ޑިއުޓީގެ ގޮތުގައި ވެސް 52.5 ލައްކަ ރުޕީސް އޭނާ ދައްކާފައިވެ އެވެ.
ގެ ގަތުމަށްފަހު ހަމަ އެ ދުވަހު އިންޑިއާގެ ބެވަރެޖް ކުންފުންޏެއް ކަމަށްއާ ޗެރީސް ޕްރިއިވެޓް ލިމިޓެޑްއަށް މަހަކު 3.5 ލައްކަ ރުޕީސްއަށް ގެ ފަސް އަހަރު ދުވަހުގެ މުއްދަތަށް ލީޒް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ޓައިގާގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ މިފަދަ ވިޔަފާރިތައް ކޮށްފަ އެވެ. އޭގެ ތެރޭގައި މްރޫނާލް ތާކޫރް، ބޮނީ ސިންހް، ރަންވީރު ސިންހް އަދި ޙުޝީއާއި ޖާންވީ ކަޕޫރު ހިމެނެ އެވެ.
ޓައިގާގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބަޑޭ މިޔާން ޗޯޓޭ މިޔާން 2"ގައި އަކްޝޭ ކުމާރުއާ އެކުގަ އެވެ. އެ ފިލްމު ރިލީޒް ކުރެވޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހު އެވެ.