އޮފީހުގައި އުޅޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން ރޯދަ މަހު އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަނާކޮށްފި އެވެ.
ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ އޮފީސް މާހައުލުގައި މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުން ކަމަށާއި އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މޮބައިލް ފޯނު ގެންގުޅުން މަނާކުރުމުން، ދެން އެކި ފަރާތްތަކަށް ގުޅަން ބޭނުން ކުރަން ޖެހޭނީ އޮފީހުގެ ރަސްމީ ލޭންޑް ލައިން ފޯނެވެ. އަދި އިންޓަނެޓްގެ ހިދުމަތްތައް ހޯދުމަށް ވެސް ލެޕްޓޮޕް ފަދަ ވަސީލަތްތައް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވެއްޖެ ނަމަ ރޯދަމަސް ނޫން މަސް މަހު ވެސް އެގޮތަށް އަމަލު ކުރާނެ އެވެ. އަދި ރޯދަމަހު ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ޓައީ އަޅަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
މިދިޔަ ރޯދަމަހު އެ އޮފީހުން ހަމަޖެއްސީ ހަފުތާއެއްގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަ ގޮތަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި ފަހަރު ނިންމީ ރޯދަމަހުގެ ފަހު 10 ގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.