މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ އިން ހުޅުވާލައިފި އެވެ.

އެ ވުޒާރާ އިން ކުރި އިއުލާނެއްގައި ބުނީ އެކި ވިޔަފާރިކުރާ ތަންތަނާއި އެ ނޫން ވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަކޮށް ދެވޭ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޯޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިއުލާންގައިވެ އެވެ. އަދި އެ ބޯޑުގައި ބައިވެރިވާން އެދޭ މީހުން އެ މިނިސްޓްރީގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ވަނީ ފަސް ދާއިރާއެއްގެ ޖަމިއްޔާއަކުން ވަޒީފާ އަދާކުރާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ދާއިރާތަކަކީ ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާތަކާއި އަންހެން ވިޔަފާރިވެރިންގެ ދާއިރާގެ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގެ ޖަމިއްޔާތަކާއި ވަޒީފާ އަދާކުރާ މީހުން ނުވަތަ މަސައްކަތްތެރިން ތަމްސީލް ކުރާ ޖަމިއްޔާތަކެވެ.

އެ ދާއިރާއަކުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނެން ބޭނުންވާ މީހުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދިފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.