ކަސަބު ލިބާހަކީ ބަލާ މީހަކަށް ސިހުންގެނުވާ ފަދަ ރީތިކަމާއި ފަރިކަން އޭގައި އެކުލެވިގެންވާ 100 ޕަސެންޓް ދިވެހިންގެ އުފެއްދުމެކެވެ. ހުނަރުވެރި ދެއަތަކުން ކުރާ ކަވި ބުރަ މަސައްކަތެއްގެ ނަތީޖާ އެވެ. އައިޝަތު ޝިރުހާން (ޝިރޫ) އަކީ ކަވި މަސައްކަތް ކުރުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ، ކަސަބުގެ މަސައްކަތަށް ހާއްސަ ލޯތްބެއް ހުންނަ މީހެކެވެ. ގެއްލިގެން ނެތިގެން ހިނގައިދާނެކަމުގެ ބިރު އޮތް މިފަންނުވެރިކަން ދިރުވައި ކޮޅަށް ޖަހާ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް މި ސަގާފީ ތަރިކަވާކަން އަންގައިދިނުމުގެ އެންމެ ކުރީ ހުރި އެކަކަށް ހަމަގައިމު ވެސް ޝިރޫ ވާނެ އެވެ.

މުސްތަގްބަލް އުޖާލާ ކުރީ މަންމައާއި ބައްޕަގެ ނަސޭހަތުން

އަބަދުވެސް އުފާވެރި މޫނަކައިގެން ހުންނަ، އެންމެންނަ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެވެރި ޝިރޫ ކަސަބު ވިޔުމުގެ މަސައްކަތަށް ނިކުމެވުނު ގޮތުގެ ތަފްސީލް ހިއްސާކޮށްލި އެވެ.

"އަޅުގަނޑުގެ ބައްޕަ، ހާޖަރާ ހުސެން މުހަންމަދު ދީދީ ބުނުއްވާނެ މުޖްތަމައަށް ފައިދާ ހުރިކަމެއް ކުރަންޏާ ދަރިފުޅުމެން ގެއްލި ނުދާނެޔޭ. އޭރު އެބުނުއްވާ އެއްޗެއް މާރަނގަޅަކަށް ނޭނގޭ. އަޅުގަނޑުގެ މަންމަ ސައިކުރާ ފާތާނިކެ އަކީ ފަހާ މީހެއް. މަންމަ އޮފީހަށް ދަމުން، ހުރިހާ ކުދިންގެ ކަންތައްތައް ބަލަމުން، ކިޔަވާދެމުން، ބައްޕަގެ ބިޒްނަސްގެ ހުރިހާ ލިޔެކިޔުންތައް ބަލަހައްޓަވާ. އެހާ ވެސް މުރާލި އަދި ހީވާގި މީހެއް މަންމައަކީ. މަންމަ އާ ބައްޕަ ނަމޫނާއަކަށް ބެލިކަމުން މިއަދު މިހިސާބަށް ދެވިފައި މިހިރީ،" ޝިރޫ ކިޔައިދިނެވެ.

ކަސަބުގެ މަސަކަތް ދަސްވީ ދިގު އިންތިޒާރަކަށް ފަހު

ކަމަކަށް ޝައުގުވެރިކަން ހުންނަ ނަމަ، އެކަން ބަލާ، އެކަމާ ބެހޭ މައުލޫމާތު އެއްކުރުމަކީ ތަބީއީ ކަމެކެވެ. ޝިރޫ ވެސް ވަނީ ކަސަބުގެ މާޒީއަށް ފީނައި މައުލޫމާތު ހޯދާ ދެނެގަނެފަ އެވެ.

ޝިރޫ ކަސަބު ވިޔުމުގެ މަސައްކަތް ކުރަނީ. ކަސަބާއި ކިނާރީން ކަސަބު ލިބާސް ހެދުމަކީ އުނދަގޫ މަސައްކަތެއް.

"މީގެ ހަތަރު ސަތޭކަ އަހަރަށް ވުރެ ވެސް ކުރިން ލިބާސް ބޭނުންކުރެވުނު ކަމަށް ލިޔެކިޔުންތަކުން ފެންނަށް އެބަހުރި. އޭރު ރާނީ އާއި ގަނޑުވަރު ތެރޭގެ ބޭފުޅުންނަށް އެކަނި މިހެދުން ލެވޭނީ. ސާދަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި އާންމުންނަށް ކަސަބު ލިބާސް ލާން ހުއްދަ ލިބުނީ. ނަމަވެސް ވަރަށް އަގުބޮޑު މަސައްކަތަކަށް ވެފައި، ވަރަށް މަދުން ކުރާ މަސައްކަތެއް ވީމަ އޭރު މީހުން މި ލިބާސް ލައެއް ނޫޅޭ. އާއިލާތެރޭގައި ވެސް މަންމަ ދަސްކޮށްފިއްޔާ އެކި ކުދިންނަށް މިދަސްކޮށްދެނީ އެކި ހިރު (ގެތުން). ގިނަ ފަހަރު ހުރިހާ ހިރެއް ދަސްވެފައެއް ނުހުރޭ އެއް ކުއްޖަކަށް. ދެން އެމީހާ ދިޔައިމަ (މަރުވީމަ) އެމަސައްކަތް ގެއްލި ދިޔައީ. އެކަހަލަ ގޮތަކަށް ދަމުންގޮސް މަސައްކަތް ގެއްލިފައި މިއޮތީ. ވަރަށް ފުޅާކޮށް ގަތާފަހުރި ރޮދިގަނޑު ވެސް އެބަހުރި. ނަމަވެސް މިހާރު ފެންނަން ހުރި ރޮދިގަނޑުތައް ނޭނގޭ އެއްވެސް މީހަކަށް ގަތާލާކަށް،" ކަސަބުގެ މަސައްކަތް އުވިދާ ގޮތް ޝިރޫ ކިޔައިދިނެވެ.

ޝިރޫއަށް ފުރަތަމަ ލިބުނު ކަސަބު ލިބާހަކީ މިއަދު ކުރާ މަސައްކަތުގެ ފެށުމެވެ.

ޝިރޫ ކަސަބު ވިޔުމުގެ މަސައްކަތް ކުރަނީ.

"އުމުރުން ބާރަ ވަރަކަށް އަހަރު ސްކޫލުގައި ބުޒުރާ ނެށުންމަކަށް ގދ. އަތޮޅުން ކަސަބު ލިބާހެއް ބައްޕަ ގެނެސްދެއްވި. އޭގަ ހުރި ކަސަބުތައް ފެނިފައި އެކަން ދަސްކުރުމުގެ ޝައުގުވެރިކަން އެފެދުނު،" ޝިރޫ ކިޔައިދިނެވެ.

އޭގެ ފަހުން އެ މަސައްކަތް ދަސްކުރުމަށް ގދ. އަތޮޅުގެ 10 ވަރަކަށް މީހުން ކައިރިއަށް ދިޔަކަން ފާހަކުރި އެވެ. ނަމަވެސް އެކަމަށް އަލިމަގެއް ނުފެނި ހުއްޓާ، ގާތް ތިމާގެ މީހެއްގެ ފަރާތުން ތައާރަފްވި މީހަކު ޝިރޫ ދެކެމުން އައި ހުވަފެނުގަ ކުލަޖައްސައިދިނެވެ. އެއަށްފަހު ވަރަށް ބާރު ދުވެލީގެ ކަސަބުގެ މަސައްކަތްކޮށް މުޅި ރާއްޖެއަށާއި ރާއްޖޭން ބޭރަށް މިމަސައްކަތް ފެތުރި އެވެ.

މުޅީން ވެސް އަމިއްލަވަންތަ އުފެދުން

ޝިރޫގެ އަޒުމަކަށްވީ ކުރާ މަސައްކަތުގަ އަމިއްލަ ވަންތަކަން އިސްކުރާށެވެ.

"ވަރަށް ލަސްވެގެން އެހެންގޮތެއް ނެތިގެން ނޫނިއްޔާ އަޅުގަނޑު ތައްޔާރުކުރާ ކަސަބު ލިބާހުގެ ސެޓު އެއްކޮށް އެއީ އަޅުގަނޑުގެ އެކަނި މަސައްކަތް. އަޅުގަނޑު ކަސަބު ގަތާ، ކިނާރީ ވިޔެ، ރުމާފަޅި އެންމެ އިހުގެ ގޮތަށް ހަދާ، މިސެޓް ފުރިހަމަ ވާނޭހެން ރިބަން އަޅާފައި ފޭލި ފަހާ، ފައްޓަރުބައި އަދި އުޅާ ވެސް ހަމަކޮށްދެން ކައިވެނިތަކަށް. ލިބާސް ދޫކުރަނީ ވެސް މިގެއަށް އެމީހަކު ގެނެސް ހެޔޮވަރުކޮށްފައި އަދި ދޮވެ އިސްތިރި ވެސް ކޮށްދީފައި،" ޝިރޫ ކިޔައިދިނެވެ.

ޝިރޫގެ އިތުރު އުފެއްދުންތައް އެހާ ފުރިހަމަ

ޝިރޫގެ ހުނަރު ކަސަބު ލިބާހުން ބޭރަށް ވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ފޯރުވާފަ އެވެ.

"ރިސޯޓްތަކަށް ވެސް ދަން މިމަސައްކަތް ދަސްކޮށްދެން. ބައެއް ސްކޫލްތަކުގައި ވެސް ކުލާސް ނަގައިދެން. ކަސަބުގެ އިތުރުން ޖުވެލަރީ (ގަހަނާ) ހަދަން، ޑޯލް ހަދަން، ފްރެންޑްޝިޕް ބޭންޑް ހަދަން. ކުދިންނަށް މަސައްކަތް ދަސްކޮށްދޭ އިރު އޮރިޖިނަލް ކަސަބު ގަތަން މިދަސްކޮށްދެނީ. ވަކި ހިސާބަށް ދާއިރު އެކުއްޖާގެ ހުންނާނެ ލިބާހެއް ހެދުމުގެ ވިސްނުން ލިބިފައި،" ޝިރޫ ބުންޏެވެ.

ކާމިޔާބީތައް

ޝިރޫގެ ބުރަ އަދި ކަވި މަސައްކަތަކީ އެއަށް ތައުރީފު ހައްގު މަސައްކަތެކެވެ.

"ޖެނީވާގައި ޑަބްލިއު އައިޕީއޯ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ބޭއްވި އިވެންޓެއްގައި 900 ބައިވެރިންގެ ތެރޭން ހޮވި 20 މީހުންގެ ތެރޭގަ ޝިރޫ ހޮވުނު. އެއީ ވަރަށް އުފާވި ދުވަހެއް. އެއީ ވަރަށް ބުރަ، ވަރަށް ބޮޑު މަސައްކަތެއް ކުރެވުނު ކަމުގެ އިހްސާސް ކުރެވު ދުވަހެއް. އެ މީހުން ބެލީ ގެއްލިފައި އޮތްކަމެއް އެހާ ކުރު މުއްދަތެއްގެ (ދެ އަހަރުގެ) ތެރޭގައި ޝިރޫ އެމަސައްކަތް ކޮށްފަހުރި ހިސާބު އަދި ކުރިއަށް އޮތް ޖީލުތަކަށް އެ ފޯރުކޮށްދޭން 'ނިއު އިނޮވޭޝަންސް' ގެނެސްފައި ހުރިގޮތް. އެމީހުން އޭތި ވަރަށް ބަލައިގަތް،" ޝިރޫ ވަރަށް އުފަލާއެކީ އޭނާގެ ކާމިޔާބީ ފާހަގަކުރި އެވެ. "އަދިވެސް އަޅުގަނޑު ފާހަގަކޮށްލަން 2023ގައި ލަންޑަންގައި އަޅުގަނޑުގެ ލިބާސް ޝޯ، 2023 ގައި އިންޑިއާގައި ބޭއްވި ކްރާފްޓް ފެސްޓިވަލް، އަދި 2024ގެ ސާކް ބާޒާރުގައި ރާއްޖެ ތަމްސީލް ކޮށްދިނުން،" ޝިރޫ ބުންޏެވެ.

ޝިރޫ ކަސަބާއި ކިނާރީން ތައްޔާރުކުރި ކަސަބު ލިބާހެއް ޝޯކޭހެއްގައި.

ޝިރޫގެ ދެކެން ބޭނުން ބަދަލު

ޝިރޫދެކެން ބޭނުންވާ ބަދަލަކީ ދިވެހިންކަން އަންގައި ދޭން ރާއްޖޭގެ ކަނޑާއި ފަޅާއި މޫދުގެ އިތުރަށް ކަސަބު ލިބާސް ވެސް ބޭނުންކުރާނެ ދުވަހެކެވެ.

"އެއީ ދިވެހި ކަސަބު ލިބާހަކީ ވަރަށް ނަލަ އެހާމެ ހިތްގައިމު ވިދުމެއް އެ ހެދުމެއްގައި ވާތީ އަދި އެއަށް ވަރަށް ޚާއްސަ މަގާމެއް ދިވެހީން ދީފައިވާތީ. ކައިވެނި ކުރާ ކުދިން ކައިރީ ޝިރޫ ބުނަން ކޮންމެ ވެސް އެއްދުވަހެއް ހަދާށޭ ލިބާހެއް ލާން. ދިވެހިވަންތަ ކޮށްލާށޭ.. އެތަން އެބަ ފެނޭ މިހާރު. ރަން ކިޔާ ދުވަހު ނުވަތަ ކައިވެނި ކުރާ ދުވަހު ކުދިން މިހާރު ލިބާސް ބޭނުން ކުރާކަން ފާހަގަވޭ،" ޝިރޫ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.