ޖައްވު ހޫނުގަދަ ވުމުން ޒުވާން އުމުރުގެ ފިރިހެނުންގެ ދަރިފަނި މަދުވާކަމަށް ސިންގަޕޫރުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ބޭރު ތެރޭގައި މަސައްކަތް ކުރާ ފިރިހެނުންނަށް ހާއްސަކޮށްގެން، ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރު (އެންޔޫއެސް)ގެ ޓީމަކުން ކުރި މި ދިރާސާގަ 818 ފިރިހެނުންގެ ދަރިފަނި ބޭނުންކުރި އެވެ. އަދި އެ މީހުން ދިރިއުޅޭ މާހައުލުގެ ހޫނުމިން ރިކޯޑް ކުރި އެވެ.

މީގެ ތެރެއިން 29.8 ޑިގްރީ އަށް ވުރެ ހޫނުމިން އިތުރު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ދަރިފަނީގެ ބާރު ދެރަވެ ހަރަކާތް ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެވުނު ކަމަށް އެޓީމުން ބުންޏެވެ. އޭގެ ތެރެއިން ވެސް 25 އަހަރާއި 35 އަހަރުގެ ޒުވާން ފިރިހެނުންގެ ދަރިފަންޏަށް ހޫނުގެ އަސަރު މާބޮޑަށް ފޯރާފައިވާ ކަމަށް އެޓީމުން ބުނެ އެވެ.

އެ ދިރާސާ ހެދި ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ގަންތާ ވިދާޅުވިގޮތުގައި އާންމުކޮށް ހަދާ މިފަދަ ދިރާސާތަކުގައި ދަރިފަނި މަދުވާކަމަށް ފާހަގަވެފައި ވަނީ ދޮށީ އުމުރުގެ ފިރިހެނުންގެ އެވެ.

ޑރ. ގަންތާ ލަފާދެއްވަނީ ދިރާސާއިން މި ލިބުނު އާ މަލޫމާތުގެ މައްޗަށް ބުރަވެ އަދި ދުވަހެއް ދުވަހަކަށް ޖައްވު ހޫނުވަމުން ދާތީ ދަރިން ހޯދުމަށް ވިސްނާ މީހުން މިކަމަށް ސަމާލުވެ ހޫނުގަދަ ދުވަސްތަކުގައި ބޭރުގައި އުޅުން މަދުކޮށް ނިދުމަށް ވެސް ފިނި މާހައުލު ޚިޔާރު ކުރުމަށެވެ. އަދި އެމީހުން "ސައުނާ"، "ހޮޓް ބާތް" އަދި ބާރު ބޮކްސާލުމުން ދުރުހެލިވުމަށެވެ.