ކ. މާފުށީގެ އަލަށް ހިއްކި ބިމުން ރެކޯޑް އަގަކަށް ގޯތިތަކެއް ވިއްކަން ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރަމުން އަންނަ މާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ ރަށުގެ އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ގޯތި ވިއްކަން ބޭނުންވާ ކަމަށެވެ.

ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.

މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. ބީލަމުގައި ބައިވެރިވުމަށް ބިޑު ފޮތެއްގެ އަގަކީ 30،000ރ. އެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ބަހައްޓަންޖެހެ އެވެ.

އިއުލާނުގައިވާގޮތުން ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ދައްކަންޖެހެ އެވެ. އަދި ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.

މިއީ މާލެ ފިޔަވައި އެންމެ ބޮޑު އަގުގައި މިހާތަނަށް ގޯތި ބިއްކާ ރަށެވެ.

އެ އިއުލާނުގައިވާގޮތުން ބިޑު ފޮތް ގަތުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލާނެ އެވެ. ބިޑު ހުށަހަޅަންޖެހޭނީ މެއި ފަސް ވަނަ ދުވަހަށެވެ.