ގިނަ އިރު ކޮޅަށް ހުންނަވަން ސިއްހީ ހާލަތު ތަންނުދޭތީ މިރެއިން ފެށިގެން އިމާމުވެ ތަރާވީހު ނަމާދު ނުކުރައްވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާންކުރައްވައިފި އެވެ.

ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވަނީ ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގަ އެވެ. މިދިއަ އަހަރުން ފެށިގެން އެ މިސްކިތުގައި އޭނާ ތަރާވީހު ނަމާދު އިމާމުވެ ކުރައްވަމުން ގެންދެވީ ރޯދަމަހު ހަތިމް ނިންމަވާ ގޮތަށް ކޮންމެ ރެއަކު 20 ރަކުއަތެވެ. ނަމަވެސް މި ރޯދަމަސް ފެއްޓެވީ ވެސް އަށް ރަކުއަތާއި ވިތުރީގެ ތިން ރަކުއަތް ކުރައްވާ ގޮތަށެވެ.

ޝަހީމް، 47، ކުރަނީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި ދިމާވެގެން އުޅޭ މައްސަލައެއް ވެސް ސީދާ ވިދާޅެއްނުވެ އެވެ. ނަމަވެސް އޭގެ ސަބަބުން ގިނަ ވަގުތު ކޮޅަށް ނުހުންނެވޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ސާޖަރީ ކުރަން ނިންމާފައިވާތީ މިއަދުން ފެށިގެން އެކަން މެދުކަނޑާލާފައިވާ ކަމަށެވެ.

"ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލި ވާހަކަ ދަންނަވަން. ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" ޝަހީމް އޭނާގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ސާޖަރީއަށްފަހު ފަރުވާގެ ކަންކަން ނިންމައިގެން އަލުން އިމާމުވެ ނަމާދު ކުރަން އުއްމީދު ކުރައްވާ ކަމަށެވެ.

"ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުއްމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.