ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

މި އެހީ އާ ގުޅޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

ޖަޕާނުން ރާއްޖެއަށް ދިން އެހީގެ ތަފްސީލް:

  • ކަސްޓަމްސްއިން ޕެޓްރޯލްކުރުމަށް އުޅަނދު ހަދިޔާކުރުމާއި މެރިޓައިމް ސޭފްޓީއާއި ސެކިއުރިޓީގެ ދާއިރާ ކުރިއެރުވުމަށް 260 މިލިއަން ޔެން ނުވަތަ 1.87 މިލިއަން ޑޮލަރު
  • އުޅަނދުތަކަށް ބޭނުންވާ ސާމާނު ގަތުމަށް 56 މިލިއަން ޔެން ނުވަތަ 403ހާސް ޑޮލަރު
  • ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްކަށް 600 މިލިއަން ޔެން ނުވަތަ 4.32 މިލިއަން ޑޮލަރު

ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ގައުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަދު ހަމަޖެހުނު އެހީގެތެރެއިން ރާއްޖެއިން ކާރިސާތަކަށް ތައްޔާރުވުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ފެން ބޮޑުވުން ފަދަ ހާދިސާތަކަށް ވޯޓާ ޕަމްޕު ހަދިޔާކުރުން މިއެހީގައި ހިމެނޭ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް މިއެހީގެ ދަށުން ވަނީ އެހީތެރިކަން ލިބިފައި،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަޕާނުން މިފާއިތުވި 56 އަހަރު ތެރޭ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއެހީގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެކަމަށް ޚާއްސަ އުޅަނދެއް ހަދިޔާކުރުން ހިމެނޭ ކަމަށެވެ. އަދި މިއުޅަނދަށް ބޭނުންވާ އެންމެ ޒަމާނީ އާލަތްތަވެސް މިއެހީގެ ދަށުން ހަދިޔާ ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށްވާއިރު، މިސަރަހައްދު ބެލެހެއްޓުމަކީ މުހިންމުކަމެއް، މިއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމެއް، މިކަމަށް އެހީވުމަށް 25 މީޓަރުގެ އުޅަނދަކާއި، އެއަށް ބޭނުންވާ ސަމާނު ކަސްޓަމްސްއަށް ދިނުމަށް މިވަނީ ނިންމާފައި،" ސަފީރު ވިދާޅުވި އެވެ.