ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަ ނުބަލާތީ ހައިރާންވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަހްމަދު އީސާ ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރަސްމާލެ ހިއްކާ ބޭރުގެ ކުންފުންޏަށް ހުޅުމާލެއިން ވިއްކަން ދިން ބިންތަކުގެ އަގު ޕްރޮޖެކްޓުގެ އަގާ ނުބައްދަލު ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ކުޑަ ރޭޓަށް ބެލީމާ ވެސް އެ ވިއްކާ ބިންތަކުގެ އަގު 70 ބިލިއަން ރުފިޔާ އާއި 100 ބިލިއަން ރުފިޔާ ދޭތެރޭގެ އަދަދަކަށް އަރައިގެން ދޭ. އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. ތިބޭފުޅުން އަމިއްލައަށް ހިސާބުތައް ހައްދަވާ ބިން ވިއްކާފައި ހުރި ރޭޓުތަކާއި ބިމުގެ ސައިޒާ ބައްލަވާ،" އީސަ ވިދާޅުވި އެވެ.

ސިއްސައިގެންދާ ވަރުގެ މިފަދަ ކޮރަޕްޝަން މައްސަލައެއް ނުބަލާތީ ހައިރާންވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ފަރާތަކުން މައްސަލަ ހުށަނޭޅިޔަސް އަމިއްލަ އިސްނެގުމަށް ވެސް އެ ކޮމިޝަނަށް މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށެވެ.

"ވަކި ފަރުދަކުން ޝަކުވާ ހުށަނޭޅި ކަމުގައި ވިޔަސް ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުތަކުން ދީފައި ހުރި ބާރުތައް ހުރީ ވަރަށް ސާފުކޮށް ފެންނަން. އެބޭފުޅުން އަމިއްލައަށް އިސް ނަގައިގެން ވެސް މިފަދަ ކަންކަން ބަލަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ބޮޑު ރަސްމިއްޔާތެއް ބާއްވައި ފެށި އެވެ. ނަމަވެސް މިހާރު ވަނީ އެ މަސައްކަތް ހުއްޓިފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކުރީ އެ ފަޅު ހިއްކާ މަތިން އެ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ސަރުކާރުން ދޭގޮތަށެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރުގެ ބިން ކަމަށް އިންފްރާސްތްރަކްޗާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.