ޤާރޫނުގެ ވާހަކަ މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެ އެވެ. އެއީ ސޫރަތުލް ޤަޞަޞްގެ 76 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތާ ހަމަޔަށެވެ. އެ އާޔަތްތަކުގެ އަލީގައި އޭނާގެ ވާހަކައަށް ނަޒަރު ހިންގައިލާނަމެވެ.

ޤާރޫނަކީ މޫސާ ޢަލަހިއްސަލާމުގެ ޤައުމުގެ މީހެކެވެ. އޭނާއަކީ، މާތްﷲ މުދާވެރިކަން އިންތިހާ ދަރަޖައަކަށް ދެއްވި މީހުންގެ ތެރެއިން މީހެކެވެ. މާތްﷲ މުދާވެރިކަން މީހަކަށް ދެއްވުމަކީ އެއީ އެ މީހަކާމެދު އެކަލާނގެ ރުއްސަވާވޮޑިގެންވާކަމުގެ ޢަލާމާތެއް ނުވަތަ ހެއްކެއް ނޫންކަން ޤާރޫނުގެ މި ވާހަކައިން އެނގެ އެވެ. މާތްﷲ މުދާވެރިކަން ދެއްވުމުގައި އަޅުން އިމްތިޙާނުކުރެއްވުން ވެސް ހިމެނެ އެވެ. އެ ގޮތުން އެ މުދާވެރިކަން ހެޔޮގޮތުގައި ބޭނުން ނުކުރި މީހަކަށް އެއީ އޭނާގެ ހަލާކުކަމުގައި ވެދެ އެވެ. އަދި އެ މުދާވެރިކަން ހެޔޮގޮތުގައި، މާތްﷲ ރުއްސަވާ ފަދަ ގޮތަކަށް ބޭނުންކޮށްފި މީހަކަށް އެއީ އޭނާ ސުވަރުގެ ދިއުމަށް އޮތް ސަބަބަކަށް ވެދެ އެވެ. ނިކަން ވިސްނަވާށެވެ. މުދާވެރިކަމުގެ ބޭނުން ހިފާ ގޮތަކުން އެއްބަޔަކަށް ނަރަކަ ލިބޭއިރު، އަނެއް ބަޔަކަށް ސުވަރުގެ އެބަ ލިބެ އެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށް މިކަން ވެސް ޢިބްރަތަކަށް ފުދެ އެވެ.

މާތްﷲ ކިތަންމެ މަދު މުދާވެރިކަމެއް ދެއްވި ކަމަށް ވިޔަސް ބައެއް މީހުން މަގު އޮޅިގެން ދެއެވެ. ބޮޑާވެ، ކިބުރުވެރިވެ އެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ފެނެ އެވެ. އޭނާއަކީ މާމޮޅު މީހެއްގެ އިޙްސާސުކުރެވެން ފަށަ އެވެ. އޭނާ އެއްކުރި މުދަލަކީ އޭނާގެ މޮޅުކަމާއި ވިސްނުންތެރިކަމާއި ހަރުދަނާކަމާއި ތޫނުކަމުން ހާސިލުވި އެއްޗެއް ކަމަށް އޭނާ ބަލަ އެވެ. ޤާރޫނަށް ވެސް ވީ ހަމަ މިހެންނެވެ. ޤާރޫނުގެ ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާ ދަރަޖައަށް އުފުލުނެވެ. އޭނާ މުދާވެރިވީ ވީނުން އޭނާގެ ބޮޑާކަން ވެސް ދިޔައީ ބޮޑުވަމުންނެވެ.

ބަޔާންވެގެންވާ ހެކިތަކާއި މަތިވެރިވެގެންވާ މުޢުޖިޒާތާގެން މޫސާގެފާނު، ފިރުޢައުނާއި ހާމާނާއި ޤާރޫނުގެ ގާތަށް މާތްﷲ ފޮނުއްވި އެވެ. ނަމަވެސް އެބައިމީހުން އިސްކުރީ ކިބުރުވެރިކަމާއި ބޮޑާކަމެވެ. އެބައިމީހުން ހީކުރީ އެބައިމީހުންގެ ވެރިކަން ތާއަބަދަށް ދެމިގެންދާނޭ ކަމަށެވެ. އެބައިމީހުންނަށް މީސްތަކުން އަޅުކަންކުރާނޭ ކަމަށެވެ. އެބައިމީހުންނަކީ ކަލުން ކަމުގައި މީސްތަކުން ބަލައިގަންނާނޭ ކަމަށެވެ. އެބައިމީހުންނަކީ ދުނިޔޭގައި ދާއިމަށް ތިބެވޭނޭ ބައެއް ކަމަށެވެ. އެހެނަސް އެއީ ކުށްހީއެކެވެ. މާތްﷲ ޒާލިމުންނަށް މުހުލަތުދެއްވައިފާނެ އެވެ. އެބައިމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުން ޙައްޤުގެ މަގަށް އެނބުރި ރުޖޫޢަވުމަށް ވަރަށް ދިގު މުއްދަތެއް ވެސް ދެއްވަފާނެ އެވެ. އެހެނަސް، އެއަށްފަހު ދެން ހިއްޕަވާއިރު ހިއްޕަވަނީ ގަދަފަދަ ހިއްޕެވުމަކުންނެވެ. ދުނިޔެވީ ނަޒަރުން އަޅުގަނޑުމެން ނަޞްރު ލިބުން ލަސްވެގެން އުޅުނު ކަމުގައި ވިޔަސް، އެއީ އިލާހީ ޙަޟްރަތުގައި ލަސްވުމެއް ނޫނެވެ. އެއީ ވަގުތު ކަނޑައެޅިގެން ނިމިފައިވާ ކަންކަމެވެ. އެ ވަގުތު އައިސް ޖެހުމާއެކު އެ ކަމެއް ވެދެ އެވެ. އެއީ އިލާހީ ޤަޟާޤަދަރެވެ. އިލާހީ ނިންމެވުމެވެ.

ޤާރޫނޫގެ މުދައުވެރިކަން ހުރި މިންވަރު، ކީރިތި ޤުރްއާނުގެ ޤަޞަޞް ސޫރަތުގައި މާތްﷲ ބަޔާންކުރައްވައިފައިވެ އެވެ. އޭނާއަށް މާތްﷲ ދެއްވައިފައިވާ މުދާތައް ގިނަވެ، އޭނާ އެ އެއްޗެހި ޚަޒާނާކުރި އެވެ. އަދި އެ ޚަޒާނާތަކުގެ ބިޔަކަމަކީ އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލައިލެވެނީ ވެސް ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށެވެ. އެބައިމީހުން ވެސް އެ ތަޅުދަނޑިތައް އުފުލަނީ އެތައް ބުރަޔަކާ އެކުގައަ އެވެ. އެހާވެސް އެ ޚަޒާނާތައް ގިނަ އެވެ. އޭނާގެ މުދާވެރިކަން އެހާވެސް ފުޅާވެފައިވެ އެވެ. އަދި އެ ޤައުމުގެ މީސްތަކުންގެ ތެރެއިން ބައެއް މީހުން އޭނާއަށް މާތްﷲ ދެއްވައިފައިވާ މުދާވެރިކަން އެބައިމީހުންނަށް ވެސް ދެއްވާނޭ ނަމައޭ ބުނެ މާތްﷲގެ ޙަޟްރަތަށް އެދިއެދި ތިއްބެވެ. އެހެނަސް، އެބައިމީހުންގެ ތެރެއިން މާތްﷲ ރަޙްމަތުން ދުނިޔޭގެ ދަޅަތަކުން ދުރުވެ، ސަލާމަތްވެފައިވާ މީސްތަކުން ދިޔައީ އިސްވެތިބީންނަށް ޤާރޫނާ މެދު އިންޒާރުކުރައްވަމުންނެވެ. އޭނާގެ މުދާވެރިކަމަކީ އެއީ ފިތުނައެއް ކަމަށް ބަޔާންކުރައްވަމުންނެވެ. އެފަދަ މުދާވެރިކަމަކަށް އެދުމަކީ ގޯހެއް ކަމަށް ވިދާޅުވެދެއްވަމުންނެވެ. އެންމެ މުހިންމުކަމަކީ މާތްﷲ އަށް ކިޔަމަންގަތުމާއި ތަޤްވާވެރިވުން ކަމުގައި ބަޔާންކުރައްވަމުންނެވެ. މުދާވެރިކަން ލިބުމުން ކާފަރުވެ، ބޮޑާވެގަތުމަކީ އެންމެ ބޮޑު އެއް ފާފަކަމަށް އެބައިމީހުން ގެންދެވީ ދެންތިބީންނަށް އިންޒާރުކުރައްވަމުންނެވެ.

މިއަދު ވެސް އަޅުގަނޑުމެންގެ ގިނަ މީހުންގެ ޙާލަތު ހުރީ މިފަދައިން ނޫންތޯ އެވެ؟ ކާފަރުން ޖަމާކޮށްފައިވާ މުދާވެރިކަން އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ފެނިއްޖެއްޔާ، އެއަށް ހިތްކިޔައިގަނޭ ނޫންތޯ އެވެ؟ އެބައިމީހުންނަށް ލިބިފައިވާ ނަޞީބުވެރިކަން ތިމާމެންނަށް ވެސް ލިބޭނޭ ނަމައޭ ހީވޭ ނޫންތޯ އެވެ. އެހެނަސް، އެއީ ނަޞީބެއް ނޫނެވެ. އެއީ މުޞީބާތެކެވެ. އެއީ ފިތުނަވެރިކަމެކެވެ. އެއީ އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ޢަޒާބު ލިބޭ ޒަރީޢާއަކަށް ވެދާ ކަމެކެވެ.

ޤާރޫނުގެ އާރާއި ބާރާއި މުދާވެރިކަމާއި ނުފޫޒު އެންމެ ގަދަވެފައިވާ އޭނާގެ ރަންޒަމާނުގައި މާތްﷲ އޭނާ ގަދަހިއްޕެވުމަކުން ހިއްޕެވުމަށް އިރާދަކުރެއްވި އެވެ. މާތްﷲ އޭނާއާއި އޭނާގެ ޚަޒާނާތަކާއި ގަނޑުވަރާއެކު ބިންގަނޑު ގަންބަވައިގެންނެވި އެވެ. އޭނާގެ މުދާވެރިކަމުން އޭނާއަށް ލިބުނު ސަލާމަތްތެރިކަމެއް ނެތެވެ. އޭނާގެ އާރާއި ބާރާއި ނުފޫޒުން އޭނާއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަދި ކީއްތޯއެވެ؟ އެ މުދާވެރިކަމާއި އާރާއި ބާރު ވެގެންދިޔައީ އޭނާއަށް ވީ އެންމެ ބޮޑު ޢަދާވާތްތެރިކަމަށެވެ. އެންމެ ބޮޑު ފިތުނައަށެވެ. އެންމެ ބޮޑު ޢަޒާބަށެވެ. ދުނިޔޭގެ ޒީނަތަކީ އެފަދަ އެއްޗެކެވެ. ފެންނަ ފެނުމަށް އެއީ ނަޞީބެކެވެ. އެހެނަސް އޭގެ އެތެރޭގައި ވަނީ އިމްތިޙާނާއި ފިތުނައެވެ.

އާދޭހެވެ! ޤާރޫނު ގަންބަވައިގެންނެވި ތަން ފެނުމުން، އޭނާއަށް ލިބިފައިވާ މުދާވެރިކަމަށް ކުރީން އެދުންވެރިވީ މީހުން ވެސް އެނބުރި މާތްﷲ ތައުބާވި އެވެ. އެބައިމީހުން ބުނާ ކަމުގައިވި އެވެ. "ކަލެޔަކަށް ނުފެނޭ ހެއްޔެވެ؟ ﷲ، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް ރިޒްޤު ތަނަވަސްކޮށްދެއްވައި، އަދި އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ރިޒްޤު ދަތިކުރައްވަތެވެ. ﷲ އަޅަމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގަތްނަމަ، އަޅަމެން ވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ނުދިނޭނެތެވެ."

ހަމަކަށަވަރުން ޤާރޫނުގެ ވާހަކައަކީ މާއްދިއްޔަތަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގޮސް ހުސްވެފައިވާ މިފަދަ ޒަމާނެއްގައި ގިނަގިނައިން ޒިކުރުކުރާން ޖެހޭ ވާހަކަ އެވެ. އެ ވާހަކައިން ޢިބްރަތް ހާސިލުކުރާން ޖެހޭ ވާހަކަ އެވެ. އެ ވާހަކާގައި ޢިބްރަތެއް ނުވާނަމަ، މާތްﷲ ކީރިތި ޤުރްއާނުގައި އެ ވާހަކަ ޒިކުރު ނުކުރެއްވީސްކަން ކަށަވަރެވެ.

ދުޢާއަކީ، މާތް ﷲ އަޅަމެން އެފަދަ ފިތުނަވެރިކަމުން ސަލާމަތްކުރެއްވުމެވެ. އާމީން!