ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ރީބްރޭންޑް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީއެފްސީން ބުނީ އެ ކުންފުނި ރީބްރޭންޑްކުރަން ޝައުގުވެރިވާ ފަރާތްތަކުން އެޕްރިލް 17، ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ފުރުސަތު ބޮޑުވާނީ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކާއި، ރަނގަޅު ތަޖުރިބާއެއްގެ އިތުރުން ކްރިއޭޓިވް ބަޔަކަށް ކަމަށް ވެސް އެޗްޑީއެފްސީން ބުނެ އެވެ.

ރީބްރޭންޑްކުރަން އެޗްޑީއެފްސީން ހުށަހަޅާ ކޮންޓްރެކްޓުގެ މުއްދަތަކީ އެއް މަސް ދުވަސް ކަމުން، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ އެވެ.

އެޗްޑީއެފްސީ ރީބްރޭންޑް ކުރާން ނިންމައި އިއުލާން ކޮށްފައި މިވަނީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނު ކުރެއްވިތާ ހަފްތާއެއް ނުވަނީސް އެވެ.

އެޗްޑީއެފްސީ 2004 ވަނަ އަހަރު އުފެއްދީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ގޮތަށް ހައުސިން ދާއިރާ އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށެވެ. އޭގެ ހަތަރު އަހަރު ފަހުން އެ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ބޭރުގެ މާލީ ޢިދާރާތައް ބައިވެރިވި އެވެ. އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 ޕަސެންޓް ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމަންޓް، އިންޑިއާގެ 15 ޕަސެންޓް ހިއްސާ އޮވެ އެވެ. ބާކީ 49 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ އެވެ.