ފ. މަގޫދޫގައި އެއާޕޯޓް ގާއިމް ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާތީ އެރަށުގައި މިއަދު ވެސް ބޮޑު އިހްތިޖާޖެއް ކޮށްފި އެވެ.

މިއަދު އެރަށުގައި ވަނީ ފައިމަގުގަ އާއި ސައިކަލްތަކުގައި ވެސް އިހްތިޖާޖުކޮށްފަ އެވެ. އެ އިހްތިޖާޖުގައި އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ހުއްޓާލާފައިވާ އެއާޕޯޓް މަސައްކަތް އަލުން ފެށުމަށް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. މަގޫދޫ ރައްޔިތުން އިހްތިޖާޖު ކުރަން ފެށީ އެރަށު އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށްފަހު އެރަށުން 15 މިނެޓުން ދެވޭ ނިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަން ފެށުމުންނެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ ނިލަންދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް ކުރާ ކަމެއް ކަމަށެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ އެ އެއާޕޯޓް ގާއިމްކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައި ވަނިކޮށެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެ މަސައްކަތަށް މިހާތަނަށް 115 ވަރަކަށް މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލި މައްސަލާއާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅަން އެ ރަށް ތަމްސީލު ކުރައްވާ އަހްމަދު ހަލީމް (ދޮންބިލަތް) ވަނީ ނިންމާފަ އެވެ.

މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ހުއްޓާލި މައްސަލައާ ގުޅިގެން ރައީސް މުއިއްޒަށް ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް އެމަނިކުފާނު ޖަވާބު ދެއްވާފައިނުވާ ކަމަށެވެ.