މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން އެ ވަޒީފާއަށް 200 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިސްކިތްތައް ފޮޅައި ސާފުކުރަން މީހުން ހޯދަން މިފަހަރު އިއުލާނު ކުރުމުން 230 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އީދު ބަންދަށްފަހު ސަރުކާރު ހުޅުވުމުން ވަޒީފާއަށް ކުރިމަތިލި މީހުންނާ އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލުން ދެވަނަ ފަހަރަށް އިއުލާނު ކުރީ މާލޭގެ މިސްކިތްތައް ސާފުކުރުން 110 މީހުން ހޯދުމަށެވެ.

މީގެކުރިން މާލޭގެ މިސްކިތްތައް ސާފުކޮށް ބަލަހައްޓަމުން ގެންދިޔައީ އެކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމި އެވެ.

މާލެ ސިޓީގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.