ކުކުޅަކީ ހުކުރު ދުވަހަށް ހާއްސަ ބާވަތެކޭ ދެންނެވުމުން ދޮގަކަށް ނުވާނެ އެވެ. ރަމަޟާން މަސް ނޫނަސް ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކުކުޅުގެ ބާވަތެއް ނުހަދާ ގެއެއް މަދުވާނެ އެވެ. އެހެން ކަމުން ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހު މިގެނެސްދެނީ ކުކުޅުގެ ކެއުމެެކެވެ.

ބޭނުންވާ ތަކެތި

  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު (ކޮށާފައި)
  • 500 ގ ކުކުޅު (ކޮށާފައި)
  • 1/2 ޖޯޑު ލީކްސް (ކޮށާފައި)
  • 1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)
  • 8 އަލުވި (ފެނުކައްކައި، ކިއުބްކޮށް ނުވަތަ ދިގުކޮށް ކޮށާފައި)
  • ރަހަލާ ވަރަށް ލޮނު
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޓޯމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
  • 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 1 ސައިސަމުސާ މާމުއި

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށްފައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މީރުކޮށްލާށެވެ. ދެން ކެޕްސިކަމާއި ލީކްސް ކޮޅު ވެސް އަޅައި މީރު ކޮށްލާށެވެ.
  2. ދެން އޭގެ ތެރެއަށް މިރުސްކޮޅު އަޅާލުމަށް ފަހު، ލޮނުހެޔޮވަރުކޮށް، ޓޮމާޓޯ ޕޭސްޓް އަދި ސޯސްކޮޅު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  3. އެއަށްފަހު ކުކުޅު މަހާއި އަލުވި އަދި މާމުއި ވެސް އަޅައި 10 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އިރުއިރުކޮޅުން ހާކަން ވާނެ އެވެ.