އެމެރިކާގެ އަންހެނަކު މޭކަޕް ނުކޮށް އިންޓަވިއުއަކަށް ދިއުމުން ވަޒީފާއަށް ނުހޮވުނު މައްސަލައެއް ހޫނުވެއްޖެ އެވެ.
މެލިއްސާ ވީވާ ކިޔާ 30 އަހަރުގެ މިއަންހެން މީހާ ބުނިގޮތުގައި އޭނާގެ ސިޓީ ފޮނުވި ވަޒީފާއަކީ ޓެކް ކޮމްޕެނީއެއްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ނައިބު ރައީސާގެ މަގާމެވެ. އިންޓަވިއުއަށް ހޮވުމުން އޭނާ އިންޓަވިއުއަށް ލައިގެން ދިޔައީ ވަރަށް ރީތިކޮށް އިސްތިރި ކޮށްފައިވާ އޮފީސް މާހައުލަށް އެންމެ އެކަށޭނަ ހެދުމެކެވެ.
މެލިއްސާ އިތުރަށް ކިޔައިދިންގޮތުގައި އެދުވަހު އޭނާގެ އިސްތަށިގަނޑު ވެސް ބްލޯޑްރައިކޮށް، އިނގިލީގެ ނިޔަފަތީގައި ވަރަށް ރީތިކޮށް ކުލަޖެއްސި އެވެ. ހަމަ އެކަނި ނުކުރާ ކަމަކީ މޭކަޕްކުރުމެވެ. އަދި އެދުވަހުގެ އިނޓަވިއު ވެސް ވަރަށް ރަގަޅަށް ދިޔަކަމަށް އޭނާ ބުންޏެވެ.
އިންޓަވިއުގައި ވަރަށް ގިނައިރު ވާހަކަވެސް ދެއްކި ކަމަށް ވެސް މެލިއްސާ ބުންޏެވެ. ނަމަވެސް ވަޒީފާ އަށް ނުހޮވޭކަން އެންގުމުން ގަބޫލުކުރަން ދަތިވެގެން އިންޓަވިއު ކުރި މީހާއަށް މެސެޖްކުރުމުން ދިން ޖަވާބުގައި ވަނީ އެހާ މަތީ މަގާމަކަށް އެދި އިންޓަވިއުއަށް އައިއިރު ބޭރުފުށް ރީތިކޮށްފައި ނުވާ ވާހަކަ އެވެ.
މެލިއްސާ އަށް މިކަންވީ ގަބޫލުކުރަން ދަތިވި އަދި ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. ބައެއް މީހުން އޭނާއަށް ހިތްވަރު ދެމުން ފިރިހެނެއް ނަމަ އެފަދަ ޖަވާބެއް ނުދިނީސް ކަމަށާ، ހިނގައިދިޔަ ހާދިސާ ހިމެނޭނީ މިންތީގެ ހަމަހަމަކަމަށް އަރައި ގަނެ، އަންހެނަކަށް ވީތީ ތަފާތުކުރުން ކަމަށް ބުންޏެވެ.