މިހާރަކަށް އައިސް ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓަން ވިސްނާ ގިނަ މީހުން ކޮންމެ ވެސް ކަހަލަ ވިޓަމިން ސަޕްލިމެންޓެއް ބޭނުން ކުރެ އެވެ.

މީގެ ސަބަބުން ވިޓަމިން ސަޕްލިމެންޓްތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، އެއީ ބޮޑު ވިޔަފާރިއަކަށް މިވަނީ ވެފަ އެވެ. އަގުބޮޑުކޮށް ނަމަވެސް ފަސޭހައިން ލިބެން ހުރެ އެވެ. ނަމަވެސް ކަމާބެހޭ މާހިރުން މިހާރު ލަފާދެއްވާ ގޮތުގައި ބެލެންސްޑް ކެއުން ކާނަމަ ކޮންމެހެން ވިޓަމިން ސަޕްލިމެންޓެއް ނަގާކަށް ނުޖެހޭނެ އެވެ. އެއީ ބެލެންސްކޮށް ކާ ކެއުމުން ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިނެއް ލިބޭތީ އެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އެތެރެކުރާ ކޮންމެ އެއްޗަކީ ހަށިގަނޑުން ބޭރު ކުރެވޭ އެއްޗެކެވެ. ހަމަ މިބީދައިން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވިޓަމިން ނަގާ ނަމަ އެ ވެސް ހަށިގަނޑުން ބޭރުކޮށްލަ އެވެ. ނަމަވެސް ވިޓަމިން ސަޕްލިމެންޓް ބޭނުންވާ ޚާއްސަ ބަލި މީހުން ވާކަން އެބޭފުޅުން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނުން، އުމުރުން ދުވަސް ވީ މީހުން، އަދި އަބަދު މުބާރާތްތަކުގައި ވާދަކުރާ އެތްލީޓުން ހިމެނެ އެވެ.

ބައެއް ވިޓަމިންތަކަކީ އިތުރަށް ނެގުމަކުން ވަކި ތަފާތު ކަމެއް ދައްކަދޭ މާއްދާތަކޭ ބުނެވޭކަން ނެތެވެ. މިސާލަކަށް ވިޓަމިން ސީ ނަގާ މީހަކު އަރުދަފުސް ރޯގާ ނުޖެހި ނުދެ އެވެ. އަނެއް ވިޓަމިންތަކަކީ ގިނައިން ބޭނުންކުރުމުން ގެއްލުން ލިބޭ އެއްޗިއްސެވެ. މިސާލަކަށް ހަށިގަނޑަށް ވިޓަމިން އޭ ގިނައިން ލިބޭނަމަ ލޮލުގެ ފެނުމަށާއި ހަންގަނޑަށް ގެއްލުން ލިބެ އެވެ. އަދި ކަށީގައި ރިސުމާއި ޗިސްމޭ (ލިވާ) ހަލާކުންވުން ފަދަ ނުރައްކާތެރި ހާލަތްތަކަށް އެ ވިޓަމިންސްގެ ސަބަބުން ހަށިގަނޑު ހުށަހެޅި ދެ އެވެ.