މުއުމިނުންނަކީ އަޚުވަންތަ ބައެއް ކަމުގައި މާތް ﷲ ވަނީ ލައްވަވައިފައެވެ. އަދި މި އަޚްވަންތަކަމަކީ ލޭގެ ގުޅުމުން އުފެދޭ އަޚްވަންތަކަމަށް ވުރެ މަތިވެރި ގުޅުމެއް ކަމުގައި ވެސް ވަނީ ލައްވަވައިފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ ﴿١٠﴾ [الحجرات:10]
މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."
އާދެ، ރަމަޟާންމަހުން އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެއް ފިލާވަޅަކީ ވެސް އަޚްވަންތަކަމުގެ ފިލާވަޅެވެ. އެއްބައިވަންތަކަމުގެ ފިލާވަޅެވެ. މި ރަމަޟާންމަހުގެ ރޯދަ ހިފުމާއި ރޭއަޅުކަމާއި ތަރާވީޙު ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި އެކަކު އަނެކަކަށް އެހީތެރިވުން ހިމެނިފައިވަނީ މި ފިލާވަޅުގެ ތެރޭގައެވެ. އަޅުގަނޑުމެންގެ ނިކަމެތި މުސްލިމް އަޚުންނާއި އުޚްތުންގެ ޙާލު ބަލައި އެބައި މީހުންނަށް އިޙްސާންތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ވެސް މި މަހުގެ އަޅުކަންތަކުގެ ތެރޭގައި ހިމެނިފައިވާ މަތިވެރި އަޅުކަމެކެވެ.
އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހުމާ)ގެ ފަރާތުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. "كان رسول الله صلى الله عليه وسلم أَجْوَدَ الناسِ بالخير، وكان أجودَ ما يكونُ في شهرِ رمَضانَ، إنَّ جِبْريلَ عليه السلام كان يلقاهُ في كلِّ سنةٍ في رمضانَ حتى ينسلخ، فَيَعْرِضُ عليه رسولُ الله صلى الله عليه وسلم القرآنَ، فإذا لقِيَهُ جبريلُ كان رسول الله صلى الله عليه وسلم أَجْوَدَ بالخير من الرِّيحِ المرسلة." [البخاري]
މާނައީ: "ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަކީ ހެޔޮކަންކަމުގައި އެންމެ ދީލަތި ކަލޭގެފާނެވެ. އަދި އެ ކަލޭގެފާނުންގެ ދީލަތިކަން އެންމެ އިތުރުވެގެންވަނީ ރަމަޟާންމަހުގައެވެ. ހަމަކަށަވަރުން ކޮންމެ ރަމަޟާންމަހެއްގައި ވެސް ޖިބްރީލް ޢަލައިހިއްސަލާމް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމާ ބައްދަލުކުރައްވައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖިބްރީލް ޢަލައިހިއްސަލާމް އަރިހުގައި ކީރިތި ޤުރުއާން ކިޔަވައިވިދާޅުވެއެވެ. ފަހެ ޖިބްރީލް ޢަލައިހިއްސަލާމް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ބައްދަލުވެވަޑައިގަތުމުން އެކަލޭގެފާނުންގެ ދީލަތިކަން ޖެހޭ ވައިރޯޅިއަކަށް ވުރެ ހަލުއިވެގެންވެއެވެ."
މުއުމިނުންނަކީ އެކަތިގަނޑެއްކަން ބަޔާންކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވައިފައިވެއެވެ. "الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا" (متفق عليه) މާނައީ: " އެއް މުއުމިނާ އަނެއް މުއުމިނުގެ މިސާލަކީ އެއް ގާގަނޑު އަނެއް ގާގަނޑާ ޖެހި ބާރުވެ ވަރުގަދަވެފައިވާ ބިނާއެއްގެ މިސާލެވެ."
އަދިވެސް މުއުމިނުންގެ މެދުގައި އޮންނާން ޖެހޭ ރަޙްމާއި ހަމްދަރުދީއާއި ކުލުނާއި އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ބަޔާންކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވައިފައިވެއެވެ. " مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ، مَثَلُ الْجَسَدِ، إِذَا اشْتَكَى مِنْهُ عُضْوٌ، تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ". [مسلم ٢٥٨٦]
މާނައީ: " މުއުމިނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ރަޙްމާއި ކުލުނުވެރިކަމުގެ މިސާލަކީ ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އަޅައިފިއްޔާ މުޅި ހަށިގަނޑު ހޭލާ ހުމާ ހުރެއެވެ."
އަޅުގަނޑުމެން އީމާންވާ ބަޔަކު ކަމުގައި ވަނީ ވެސް އަޅުގަނޑުމެންގެ މުސްލިމް އަޚާއަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންކަން އެދެފުމަށް ދާންދެނެއެވެ. އަޅުގަނޑުމެން އެދެނީ ރަނގަޅު އޮމާން ޙަޔާތަކަށް ނަމަ، އެފަދައިން އަޅުގަނޑުމެންގެ އަޚާއަށް މެދުވެރިވުމަށް ވެސް ލޯބިކުރާން ޖެހެއެވެ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ ދަރީންނަކީ ހެޔޮލަފާ މީހުން ކަމުގައި ވުމަށް ކަމަށް ވަނީ ނަމަ، އަޅުގަނޑުމެންގެ އަޚާގެ ދަރީންނަކީ ވެސް ހެޔޮލަފާ ބަޔަކަށް ވުމަށް އަޅުގަނޑުމެން ލޯބިކުރާން ވާނެއެވެ. އަދި އޭނާއަށް ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި ބަލާން ޖެހެއެވެ. އޭނާއަށް ލިބޭ ކޮންމެ ދެރަނިކަމެތިކަމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ ދެރަނިކަމެތިކަމެއް ކަމުގައި ބަލާން ޖެހެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވައިފައިވެއެވެ.
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ ". [البخاري:١٣]
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އޭނާގެ އަޚާއަށް އޭނާގެ އަމިއްލަ ނަފްސަށް ލިބުމަށް ލޯބިކުރާ ކަންކަން ލިބުމަށް ލޯބިކޮށްފުމަށް ދާންދެން އީމާންވި ކަމުގައި ނުވެއެވެ."
ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކުރައްވަނީ އަޅުގަނޑުމެންގެ މެދުގައި ލޯބި އުފެދޭނޭ ކަމެކެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްފުޅުކުރައްވައިފައިވެއެވެ. " لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أَفْشُوا السَّلَامَ بَيْنَكُمْ ". [مسلم]
މާނައީ: ތިޔަބައިމީހުން އީމާންނުވާހާ ހިނދަކު ތިޔަބައިމީހުންނަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ލޯބިވެއްޖެއުމަށް ދާންދެން އީމާންވި ކަމަކަށް ނުވެއެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާނޭ ކަމެއް ނިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދަސްކޮށްދެއްވަންތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ."
ދުޢާއަކީ އަޅަމެންނަކީ އެކަތިގަނޑެއް ކަމުގައި ލައްވައި އަޅަމެންނަކީ އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ދަމަހައްޓާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން!