ބޮލީވުޑްގެ ގިނަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ކަންގަނާ ރަނޯޓް އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ނިންމުމުން އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރަން ފަށައިފި އެވެ.
އެގޮތުން އޭނާއަކީ ގެރިމަސް ކާ މީހެއް ކަމަށް ބުނެ އަޑުތައް ދަނީ ފެތުރެމުންނެވެ. ކަންގަނާއަކީ ހިންދޫ ދީނަށް އަޅުކަންކުރާ މީހަކަށްވާއިރު ހިންދޫ ދީނުގައި ގެރި މަސް ކެއުމަކީ މަނާ ކަމެކެވެ.
މި އަޑުތައް އަރަން މެދުވެރިވީ 2019 ވަނަ އަހަރު ކަންގަނާ ކޮށްފައިވާ ޓްވީޓެއް ބަޔަކަށް ފެނުމުންނެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ ގެރިމަސް ކެއުމަކީ ނުބައި ކަމެއް ނޫން ކަމަށާއި އެއީ ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.
އެއާއެކު ކަންގަނާއަކީ ގެރިމަސް ކާ މީހެއް ކަމަށް ގަބޫލުކޮށް އޭނާއަކީ ހިންދޫ ދީނަށް ބޭއިހްތިރާމްކުރާ މީހެއް ކަމުގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
މިކަމާ ބެހޭ ގޮތުން އޭނާ އަލަށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްގަމު މަސް ކެއުން އޭނާ ދޫކޮށްލިތާ އަހަރުތަކެއް ވެއްޖެ ކަމަށާއި އޭނާއަކީ އިހުލާސްތެރި ހިންދޫއެއް ކަމަށެވެ.
އަދި އެކަހަލަ އަސާސެއް ނެތް ވާހަަކަތަކުގެ ސަބަބުން އާއްމުންގެ މެދުގައި އޮތް އޭނާގެ ތަރުހީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
ކަންގަނާއަކީ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ބީޖޭޕީގެ ފަރާތުން ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓެވެ.