ޔޫރަޕުގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހިސާބަށް ޓީމުތައް މިވަނީ ދަތުރުކޮށްފަ އެވެ. ފޯރިގަދަ ގަދަ 16 މެޗުތަކަކަށްފަހު ޖުމްލަ 8 ޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ:

  • އާސެނަލް – އިންގްލިޝް ޕްރިމިއާ ލީގު
  • ބަޔާން މިއުނިކް – ޖަރުމަނު ބަންޑަސްލީގާ
  • ރިއާލް މެޑްރިޑް – ސްޕެނިޝް ލަލީގާ
  • މެންޗެސްޓާ ސިޓީ – އިންގްލިޝް ޕްރިމިއާ ލީގު
  • ޕީ އެސް ޖީ – ފްރެންޗް ލީގް 1
  • ބާރސެލޯނާ – ސްޕެނިޝް ލަލީގާ
  • އެޓްލެޓިކޯ މެޑްރިޑް – ސްޕެނިޝް ލަލީގާ
  • ބްރޫޝިއާ ޑޯޓްމަންޑް – ޖަރުމަނު ބަންޑަސް ލީގާ

ކުއާޓާ ފައިނަލުގެ މެޗުތަކުގެ ފުރަތަމަ ލެގު ކުޅޭނީ 10 އަދި 11 އޭޕްރިލް ވަނަ ދުވަހު އެވެ. ދެވަނަ ލެގު ކުޅޭނީ 17 އަދި 18 އޭޕްރިލް ގައެވެ. ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުއަތު މިހާރު ނަގާ ނިމިފައިވާއިރު މިހާ ހިސާބުން ވަކި ވަކި މެޗުތަކަށް އަލިއަޅުވާލާނަމެވެ.

އާސެނަލް – ބަޔާން މިއުނިކް: 10 އޭޕްރިލް، 00:00 ގައި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުންދާ އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ16 ގައި ޕޯޗުގަލްގެ އެފް ސީ ޕޯޓޯ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހު އެވެ. ބަޔާން މިއުނިކް ކުއާޓާ އަށް ދަތުރުކުރީ ފަސޭހަކަމާއެކު އިޓަލީގެ ލާޒިއޯ މައްޗަށް 3-0 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ބަޔާން މިއުނިކަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު އާސެނަލް ކުއާޓާ ފައިނަލަށް މި ދަތުރުކުރީ ގިނަ އަހަރުތަކެއް ވަންދެން ގަދަ 16 އަށް ވުރެން ކުރިއަށް ނުދެވި ހޭދަކުރުމަށްފަހު އެވެ.

ރިއަލް މެޑްރިޑް – މެންޗެސްޓަ ސިޓީ: 10 އޭޕްރިލް 00:00 ގައި

މި ދެޓީމަކީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމެވެ. ރިއަލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަށް ވާއިރު މެންޗެސްޓާ ސިޓީއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ސްޓޭޖުގައި އާންމު ނަމަކަށްވަނީ ވެފަ އެވެ. ރިއަލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ކުރިމަތިލުމަކަށްފަހު 2-1 އެގްރިގޭޓުން ޖަރުމަނުގެ ލެއިޕްޒެގް މައްޗައް ކުރިހޯދައިގެންނެވެ. އަނެއްކޮޅުން މެންޗެސްޓަރ ސިޓީއިން ވަނީ ފަސޭހަކަމާއެކު 6-2 ގެ އެގްރިގޭޓުން ގަދަ 16ގައި އެފްސީ ކޯޕަންހޭގަން ބަލިކޮށްފަ އެވެ.

ޕީއެސްޖީ – ބާސެލޯނާ: 11 އޭޕްރިލް 00:00 ގައި

ތާރީޚީ ގޮތުން މިދެޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރިގަދަ އެއްމެޗު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. އަދި ގިނަ ތަރިންތަކެއް ވަނީ މި ދެޓީމުން އެއްޓީމުން އަނެއް ޓީމަށް ޓްރާންސްފާތަކެއް ހަދާފަ އެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ނޭމާ އަދި ޑެމްބެލޭ ފާހަގަކޮށްލެވެ އެވެ. ބާސެލޯނާ ކުއާޓާއަށް ދަތުރު ކުރީ ވަރުގަދަ ނަޕޯލީ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހު އެވެ. ޕީއެސްޖީ އިން ވަނީ ސްޕެއިންގެ ރިއަލް ސޮސިއެޑާޑް 4-1 ގެ އެގްރިގޭޓުން ބަލިކޮށްފަ އެވެ. މި މެޗަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަރިން އަދި ޒުވާން މޮޅެތި ކުޅުންތެރިން ފެނިގެންދާނެ މެޗެކެވެ.

އެޓްލެޓިކޯ މެޑްރިޑް – ބްރޫޝިއާ ޑޯޓްމަންޑް : 11 އޭޕްރިލް 00:00 ގައި

މި ދެޓީމަކީ ވެސް ޗެމްޕިއަންސް ލީގުގެ މި ސްޓޭޖާއި ރައްޓެހި ދެ ޓީމެވެ. ބްރޫޝިއާ ޑޯޓްމަންޑްއިން ގަދަ 16ގައި ބައްދަލުކުރީ ނެދަލޭންޑްސްގެ ޕީއެސްވީއާ އެވެ. އެގްރިގޭޓް 3-1 އިން ޑޯޓްމަންޑްއިން ވަނީ ކުރިހޯދާފަ އެވެ. އެޓްލެޓިކޯ ބައްދަލުކުރީ އިޓަލީގެ ރަސްކަން ކުރަމުންދާ ޓީމު އިންޓަ މިލާނާ އެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެގްރިގޭޓުން ވެސް އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. 3-2 އިން ޕެނަލްޓީއިން ކުރި ހޯދީ އެޓްލެޓިކޯ މެޑްރިޑެވެ.

ފުރަތަމަ ލެގަށްފަހު ދެވަނަ ލެގުގެ މެޗުތައް އޮންނާނީ ހަމަ މި އޭޕްރިލް މަހުގެ 17 އަދި 18 ވަނަ ދުވަހު އެވެ. ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގު ކުޅެވިގެންދާނީ އޭޕްރިލް 30 ވަނަ ދުވަހު އެވެ. ދުނިޔޭގެ އެންމެ ބޮޑު 4 ލީގުގެ އިތުރުން ފުޓޫބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތައް މީޑިއާނެޓުން އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. ޓީވީގެ އިތުރުން މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެތާކު ހުރެވެސް މުޗުތައް ވަގުތުން ބެލޭނެ އެވެ.