ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމުގެ ގޮތުން، ލީގުގެ ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފާއި ހެލްތު މިނިސްޓަރު ކެރަފާ އަހްމަދު ނަސީމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް މާލޭގައި ގިނަވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުގެ ތެރެއިން، ޓީމު ކުޅިވަރުތައް ވަނީ ހުއްޓުވައިފަ އެވެ. އެހެންކަމުން، ދިވެހި ޕްރިމިއާ ލީގުުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި ކްލަބުތަކުގެ ފަރިތަކުރުންތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

މިކަމާ ގުޅިގެން، ކްލަބުތަކާއި ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވެކްސިން ޖަހައިގެންވިޔަސް، ލީގު އަލުން ފެށުމަށް ބޭނުންވާ ކަމަށް ކްލަބުތަކުން ވަނީ ކުރިން ބުނެފަ އެވެ.