ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް މިރޭ ޖަލްސާ ބާއްވަން ނިންމާފައިވާ ހޯލަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހަދަން ފަށައިފި އެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ވިދާޅުވީ ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުން ކަމަށެވެ.

"ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސްކޯލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފައި ވަނީ. ރޭގައި ކަރަންޓު ދޭން އައި ކުއްޖާވެސް ހުއްޓުވި. ކަނު އަނދިރީގަ ވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނަން،" މަލީހު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކުންފުނީގެ އިސް އޮފިޝަލެއް އަދި މީޑިއާ އޮފިޝަލެއް ވެސް ޖަވާބެއް ނުދެއްވި އެވެ.

ރައީސް މުހައްމަދު މުއިއްގެ އެކުވެރި ހުސެއިން ފަހުމީ އަންނަނީ ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ކަން ލިބުނު ފަހުން ސޯޝަލް މީޑިއާގައި ސަރުކާރުން ކުރާ ކޮންމެ ކަމަށް ސަނާކިޔައި، ތައުރީފުކުރަމުންނެވެ. އަދި ނުފޫޒު ފޯރުވައިގެން މުވައްޒަފުންނަށް ބިރުދައްކައި، މަސައްކަތްކުރާ ޑިޕާޓްމަންޓްތަކާއި ތަންތަން ވެސް ބަދަލުކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރާ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމާ އެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑާޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ވަކި އަދަދަކަށް މެމްބަރުން ހަމަވެގެންނެވެ. އެ ގޮތުން އެ ޖަލްސާގައި މަދުވެގެން 300 މެމްބަރުން ތިބެން ޖެހޭނެ އެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުގެ އިސްވެރިން މިހާރު އަންނަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.