މިއަދަކީ މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދު ދުވަހެކެވެ. ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަހަރުމެން އެކަކު އަނެކަކަށް ހިއްސާ ކުރަމުން އަންނައިރު ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށްއުޅޭ ގޮތަށް ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފޮނުވާ އީދުގެ ތަހުނިޔާތަކަށެވެ.

އަރަބި ގައުމުތައް

މްސްލިމުންނަށް އެންމެ މުގައްދަސް ބަސް ކަމުގައިވާ އަރަބި ބަހުން އީދުގެ ތަހުނިޔާ ފޮނުވަން ބޭނުން ކުރެވޭ އެންމެ އާއްމު އިބާރާތަކީ "އީދު މުބާރަކް" އެވެ. މާނައަކީ އީދުގެ މުބާރަކުބާދީ އަރިސް ކުރަމެވެ.

އިނގިރޭސި ވިލާތް

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އިނގިރޭސި ބަހުން އީދުގެ ތަހުނިޔާ ފޮނުވަން އެންމެ ގިނައިން ބޭނުން ކުރެވެނީ އަރަބި އިބާރާތެއް ކަމަށްވާ "އީދު މުބާރަކް" އެވެ. އެހެން ނަމަވެސް މިނޫން ގޮތްގޮތަށް ވެސް އިނގިރޭސި ބަހުން އީދުގެ ތަހުނިޔާ ފޮނުވަ އެވެ.

އިންޑޮނޭޝިއާ

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާގެ ގައުމީ ބަހުން އީދުގެ ތަހުނިޔާ އަރިސްކުރަން ބޭނުންކުރާ ބަހަކީ "ސަލާމަތު ހަރީ ރަޔާ އީދުލް ފިތުރު" އެވެ. މާނައަކީ އީދު ދުވަހުގެ ވެދުން އަރިސް ކުރަމެވެ.

އިންޑިއާ

އިންޑިއާގެ ގިނަ މުސްލިމުން ބޭނުން ކުރާ ބަހަކީ އުރުދޫ ކަމަށްވާއިރު އެ ބަހުން ވެސް އީދުގެ ތަހުނިޔާ އަރިސްކުރަނީ އެންމެ އާއްމުކޮށް ބޭނުން ކުރެވޭ އަރަބި އިބާރާތުންނެވެ.