ސިއްހީ ހިދުމަތްތެރިންނަކީ އޯގާތެރިކަމާއި ކުލުނު، އެމީހުންގެ މަސައްކަތުގެ ކުރިއަށް ނެރެގެން މަސައްކަތްކުރާ ބައެކެވެ. ސިއްހީ ހިދުމަތްތެރިންގެ އެންމެ ބޮޑު އާބާދީއެއް ހިއްސާކުރާ ބަޔަކީ ނަރުހުންނެވެ. އިންސާނީ ޚިދުމަތުގެ އެންމެ ބުރަ މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ނަރުހުން ގުނާލެވޭނެ އެވެ.

ދުވާލެއް، ރޭގަނޑެއް، ފިންޏެއް ހޫނަކަށް ބެލުމެއް ނެތި އަމިއްލަ އާއިލާ ގުރުބާންކޮށް ބަލި މީހާއަށް ޚިދުމަތް ކުރަން ނަރުހުން ނުކުންނަނީ ހިތްވަރާއި ހިނިތުންވުމާއެކު އެވެ. ނަރުހެއްގެ ހިތުގެ ފިނިކަމަކީ އަދި އުފަލަކީ ބަލިމީހާގެ ފަރާތުން ލިބޭ ތައުރީފުގެ ބަހެވެ. އެހެންވެ ނަރުހުން ކުރާ ކޮންމެ ކަމަކީ ވެސް ބަލި މީހާއަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގެ ބޭނުމުގައި ކުރާކަމެކެވެ.

ހދ. ކުޅުދުފުށީ ކެމްޕަސްއިން 2004 އަހަރު އެޑްވާންސް ސެޓްފިކެޓް ފުރިހަމަކޮށްގެން ނުކުތް ސަނިޔާ އަހުމަދު (ސަނިއްޔާ) އަކީ ބަލި މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އަބަދުވެސް ވިސްނަމުން އައި މީހެކެވެ. އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރުގައި މިހާރު މަސައްކަތްކުރާ ސަނިއްޔާ ނަރުސްކަމުގެ ތަމްރީނަކަށް ފަހު ތަމްރީނެއް ފުރިހަމަ ކުރަމުން ދިޔައީ ވަރަށް ހަލުވި ދުވެއްޔެއްގަ އެވެ. ވަރަށް ފަހުން އައިޖީއެމްއެޗްއާ ގުޅުނު ރާއްޖޭގެ އެންމެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް އޭނާގެ މި ހިސާބަށް އައުމަށްކުރި ދަތުރު ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

ސަނިއްޔާ ގްރެޖުއޭޓްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން.

"ކުޅުދުފުށީ ކޭމްޕަސް އިން ކިޔަވައިގެން އައިސް ހެލްތު މިނިސްޓްރީއާ އެންމެ ކުރިން ގުޅުނީ. އެއީ 2004 ގެ ޑިސެންބަރުގައި. އެއަށްފަހު ނ. އަތޮޅު ހޮސްޕިޓަލްގައި ދޮޅު އަހަރު މަސައްކަތް ކުރިން. ސަރުކާރުގެ ބޮންޑުގެ އެއް އަހަރު ހަމަވުމާއެކު އައިޖީއެމްއެޗަށް ބަދަލުވީ 2006 ގައި،" ސަނިއްޔާ "ހުރިހާ"އަށް ކިޔައިދިނެވެ.

ބަލި މީހުނަށް ރަނގަޅު ޚިދްމަތެއް ދިނުމަށް އިތުރަށް ކިޔެވި

ނަރުސްކަމުގައި އެންމެ އިސްކަމެއް ދެވިފައި ވަނީ ބަލި މީހަށް އަށް އަޅާލުމާ އޯގާތެރިވުމުގަ އެވެ. އޭގެ ތެރޭގައި ގަޑިންގަޑިން ބަލިމީހާއަށް ކޮށްދޭންޖެހޭކަން ކަންތަކުން ފެށިގެން ބަލި މީހާގެ ބައްޔާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި އަމިއްލައަށް ކަންކަން ކުރުމަށް އެހީތެރިވެދިނުމާއި ބަލިމީހާގެ އާއިލާއާ ގާތް ގުޅުމެއް ބޭއްވުން ވެސް ހިމެނެ އެވެ.

ސަނިއްޔާ ޔަގީންކުރާ ގޮތުގައި ބަލިމީހާއަށް ކޮލިޓީ ކެއާ (އެންމެ ފުރިހަމަ ޚިދުމަތެއް) ދިނުމަށް ނަރުހުން އިތުރަށް ކިޔަވައި ތަމްރީނުތަކުގައި ބައިވެރިވުން މުހިންމެވެ. އެއީ ދުވަހެއް ދުވަހަކަށް އާ ބަލިތައް ތައާރަފްވަމުންދާ ދިއުމާއި، ބަލިތަކަށް ބޭސްކުރުމުގައި ވެސް އާ ޓެކްނޮލޮޖީ ބޭނުންކުރެވެމުން ދާތީ ބަލި މީހާއާ އެންމެ ގާތްކޮށް މަސައްކަތް ކުރާ އެކަކަށް ނަރުސްވެ ހުރެ، އެ ޓެކްނޮލޮޖީއަށް އަހުލުވެރިވުން މުހިންމު ވާތީ އެވެ.

"އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރު އަދި ގައިނީ ތިއޭޓަރުގައި ވެސް އަޅުގަނޑު މަސައްކަތް ކުރިން. ދެހާސް ނުވައެއްގައި ޑިޕްލޮމާ ފުރިހަމަ ކުރުމަށް ފަހު 2012 ގައި ބެޗެލާސް ޑިގްރީ ހެދީ. އެއަށްފަހު މެލޭޝިއާގައި ހެދިން ޔޫކޭގެ ނޯތުއަމްބްރިއާގެ ޑިގްރީ އެއްވެސް. މާސްޓާސް އިން ނާސިން ހެދީ 2017 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި،" ސަނިއްޔާ އިތުރަށް ކިޔައިދިނެވެ.

ސްޕެޝަލައިޒްވީ ކާޑިއޯ ވެސްކިއުލާ ތޮރޭސިކް ދާއިރާއިން

ބޭސް އެޅުމާ އިންޖެކްޝަން ޖެހުމަކީ ނަރުސްކަން ކަމުގައި ބެލެވުނު ދުވަސް މާޒީވެ ހިނގައްޖެ އެވެ. ދިވެހި ނަރުހުންނަކީ ބަލިމީހާ ހޮސްޕިޓަލަށް އެޑްމިޓްކުރީއްސުރެ ގެއަށް ދޫކޮށްލަންދެން އެމީހެއްގެ ފަރުވާ އެންމެ ގާތްކޮށް ބަލަހައްޓާ މީހުންނެވެ.

ބައެއް ހާލަތްތަކުގައި ނަރުހުން ގޭގެއަށް ގޮސްގެން ވެސް ބަލިމީހާގެ ހާލަތު ދެނެގަނެ، ބަލިހާލުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީތެރިވެ އެވެ. މިކަންކަން ކުރުމަށް ވަކި ދާއިރާއަކުން ކިޔަވާ ޚާއްސަވުން މިއަދު ވަނީ ވަރަށް ބޭނުންތެރި ކަމަކަށް ވެފަ އެވެ.

"ދެހާސްވިހީގައި ލިބުނު ސްކޮލާޝިޕްއެއްގައި އިންޑިއާގެ އަމްރީތާ ކޮލެޖް(އެއިމްސްކޮޗީ) އިން ސްޕެޝަލިސްޓް މާސްޓާސް ޑިގްރީއެއް އަޅުގަނޑު ހެދީ. އެއީ ކާޑިއޯވެސްކިއުލާ ތޮރޭސިކް. އަޅުގަނޑުގެ ރިސާޗުގައި ހެދީ ކާޑިއޯތޮރެސިކް ވެސްކިއުލާ އެސެސްމަންޓް (ތަހުލީލް) އެއް. އޭގަ ބެލީ ހަކުރުބަލީގެ (ޓައިޕް 2 ޑައެބެޓިކް) މީހުންނާ ހިތުގެ ބަލިތަކާ ހުރި ގުޅުން،" އޭނާ ބުންޏެވެ.

ސަނިއްޔާ ތިއޭޓަރެއްގައި މަސައްކަތްކުރަނީ

ސަނިއްޔާ ބުނާގޮތުގައި ހިތުގެ ބަލިތައް ބޮޑަށް ގުޅިފައިވަނީ ދިރިއުޅުމުގެ ކަންކަން ގެންގުޅޭ ގޮތެއްގެ މައްޗަށެވެ. ހިތުގެ ބަލިޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ކަސްރަތުކުރުން، ފައިދާހުރި ކާނާ ކެއުމާއި، ތެޔޮގިނަ ތައްޔާރީ ކާނާ (ޖަންކް ފުޑްސް)ކެއުން ހުއްޓާލުމާއި ހަކުރުބަލީގެ ބޭސް ބޭނުންކުރާ މީހެއް ނަމަ ގަވައިދުން ބޭސްކެއުން ވަރަށް މުހިންމެވެ. ކޮލެސްޓްރޯލް މަތިނަމަ ކޮންޓްރޯލް ކުރުމަށް ޑޮކްޓަރު ލަފާދެއްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.

"ކޮންޓްރިބިއުޓިން ފެކްޓާސް (ބަލިޖެހުމަށް މަގުފަހިވާކަންކަން) ކޮންޓްރޯލް ނުކޮށް ދޫކޮށްލުމުން ހިތުގެ ބަލި ޖެހެނީ،" ސަނިއްޔާ ކިޔައިދިނެވެ.

ނަރުހުންނަށް ސްޕެޝަލައިޒް ވެވޭ ދާއިރާތައް ވަރަށް ގިނަ

ނަރުހުންނަށް ޚައްސް ވެވޭނެ، ވަރަށް ގިނަ ދާއިރާތައް ހުރެ އެވެ. އޭގެ ތެރޭގައި ކާޑިއެކް ނާސިން (ހިތުގެ ބަލިތަކާ ބެހޭ)، ކްރިޓިކަލް ކެއާ ނާސިން (ސީރިއަސް ބަލިތަކަށް ޚާއްސަ)، އޮންކޮލޮޖީ ނާސިންގް (ކެންސަރަށް ޚާއްސަ)، ނެފްރޯ ނާސިން (ކިޑްނީ ބަލިތަކާ ބެހޭ) މެންޓަލް ހެލްތު ނާސިން (ނަފްސާނީ ދުޅަހެޔޮކަމާބެހޭ)، ނިއުރޯ ނާސިން (ނާރުގެ ބައްޔަށް ޚާއްސަ)، ޕީޑިއަޓްރިކް ނާސިން (ކުޑަކުދިންގެ ބަލިތަކަށް ޚާއަސަ) ފަދަ ދާރިއާތަކަކީ ނަރުހުންނަށް ޚާއްސަ ވެވޭނެ ދާއިރާތަކެވެ.

"ނާސް ސްޕެޝަލިސްޓުންނަކީ އެހެން ވެސްޓާން (ހުޅަނގު) ގައުމުތަކުގައި އިންޑިޕެންޑެންޓްކޮށް (މީހަކަށް ބަރޯސާނުވެ) މަސައްކަތް ކުރާ ބައެއް. އެމީހުންގެ ކްލިނިކްސްގައި ބަލިމީހުން ބަލާފައި ވަކި ޑޮކްޓަރަކަށް ދެއްކުމަށް އަންގާނީ. ނަމަވެސް ރާއްޖޭގަ އަދި އެ ފުރުސަތެއް ނެތް،" ސަނިޔާ ބުންޏެވެ.

ސަނިއްޔާ ބޭރުގައި ކިޔަވަން އުޅުނު ދުވަސްވަރު ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖެގައި ކާޑިއެކް (ހިތުގެ ބައްޔަށް ޚާއްސަ) ތިއޭޓަރެއް ހުޅުވުނު ދުވަހަކުން ސަނިއްޔާ ޚާއްސަވި ދާއިރާއިން ލިބުނު އިލްމާއި ހުނަރު ބޭނުންކުރުމަށް ހުރީ ބަލަބަލަ އެވެ.

އަލަށް ނަރުސްކަން ކުރަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖް

ދިވެހި ނަރުހުން ސިއްޚީ ދާއިރާގައި މަސައްކަތް ކުރުމަކީ ބަލި މީހުންނަށާ އެމީހުންގެ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ވާހަކަ ދެއްކުމުގައި އަރާ އޮޅުންތަކާ އާދަކާދައިގެ ގޮތުން ވެސް އަރާ އޮޅުންބޮޅުން ،ކުޑަކުރުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެކަމަށްޓަކައި ގިނަ ދިވެހިން ނަރުސްކަމަށް ކުރިމަތިލުން މުހިންމު ކަމަށް ސަނިއްޔާ ދެކެ އެވެ.

"އެ ގައުމެއްގެ ނަރުހުން އެގައުމަކަށް ހިދުމަތްކުރަން ތިބުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އެބައެއްގެ ސަގާފަތާއި އާދަކާދަ އެނގޭނީ އެބަޔަކަށް. އެހެންވެ ބަލިމީހާ ބޭނުންވާ ޚިދުމަތެއް ނަރުހުންގެ ފަރާތުން ލިބޭނީ އެގައުމެއްގެ ނަރުހުން އެގައުމުގެ ބަލިމީހުންނަށް ހިދުމަތް ދިނުމަށް ތިބެގެން،" ސަނިއްޔާ ބުންޏެވެ.

ކުރިއާ އަޅާބަލާއިރު މިހާރު ނަރުހުންނަށް ލިބިފައިވާ ފުރުސަތުތައް ވެސް އިތުރުވެފައިވެ އެވެ.

"އެކްސްޕްލޯ (ބަލާ ހޯދާށޭ) ކުރާށޭ ހަމަ. ކުރިއަށްދެވެން އޮތް މަގުތައް ހޯދައިގެން ކުރިއަށްދާން މަސައްކަތް ކުރާށޭ. ވަކި ހިސާބަކަށް އައިސް މި ލިބޭ ނޮލެޖް ނޫނީ އެކްސްޕީރިއަންސް ލިބުމުން ދެން އެހިސާބުން އެތާނގައި އެއްކަހަލަ ރެސިސްޓްވެފައި ނުތިބޭށޭ. އެކްސްޕްލޯ ކުރާށޭ، އެކްސްޕޭންޑް ކުރާށޭ، ނޮލެޖް އެންޑް ޕްރެކްޓިސް،" ސަނިއްޔާ ދެކޭގޮތް ކިޔައިދެމުން ބުންޏެވެ.