ރާއްޖޭގެ ތާރީޚުގައި "އީދު ބޮލަށް ގޮން" ޖެހުމުގެ އެންމެ މަޝްހޫރު ހާދިސާއަކީ އުތީމު މުހައްމަދު ޚަތީބު ތަކުރުފާނު، އަތޮޅުވެރިންނާ އީދު ސަލާން ކުރުމަށް ބާރަށަށް ކުރެއްވި ދަތުރުގައި ހިނގައި ދިޔަ ހާދިސާ އެވެ. އަތޮޅުވެރިޔާ ވިޔަޒޯރުގެ އަނބިކަނބަލުންގެ އެދިވަޑައިގެންނެވުމަކަށް އުތީމު ތިންބެއިންގެ ތެރެއިން އެކެއްގެ ބޮލަށް ގޮން ޖަހަން ނިކުތީ އެރަށު ބޯށިވަލު، ދޮން ބުޅާ ފާތިމާގެ ރެހެންދި އެވެ.

އުތީމު ތިން ބެއިން އެރަށުގެ ފިރިހެންވެރިންނާ އެކު އީދު ކުޅިވަރުގައި ބައިވެރިވުމަށްފަހު ދޯންޏާ ދިމާލަށް ހިންގަވަނިކޮށް ހަލުވި ދުވެއްޔެއްގައި ދުވެލާފައި އައިސް ފަހަތުން ފުންމައިގެން އަރައި މުހައްމަދު ތަކުރުފާނާ ދިމާލަށް "އީދު ބޮލަށް ގޮމޭ" ބުނެ، އަތުގައި ހިއްޕަވައި ނެންގެވި ގޮތަކުން އެމަންޖެ އޮތީ އެތަކުރުފާނުގެ ކޮނޑުމައްޗަށް ހުރަހަށް ދެމިފަ އެވެ.

މި އަހަރުގެ ފިތުރު އީދު ބޯމަތިވެގެން އައިއިރު ސަރުކާރުން ގެންދިޔައީ މާލެ އާއި ރާއްޖެތެރޭގެ ރަށްތައް އީދަށް ދިއްލައި، ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ތާރީޚުގައި ދުވަހަކު ވެސް އީދަކަށް ތައްޔާރުނުވާ ވަރަށް ދިއްލުންތައް ދިއްލައި، ގިޑިގެތައް ހެދުމުގައި ސަރުކާރުން ހޭބޯ ނާރައި. މަސައްކަތް ކުރަމުން ގެންދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ އުފެއްދުމަށްޓަކައި ހަރަކާތްތެރިވާ ޓީމުން ގެންދިޔައީ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާއަށް ތައްޔާރުވަމުންނެވެ.

ބުދަ ދުވަހުގެ ރޭ ޕީއެންއެފްގެ މެންބަރުން ޖަލްސާއަށް ޣިޔާސުއްދީން ސްކޫލަށް ދިޔައިރު އެތާނގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އެވެ. އެމީހުން ބުނަމުން ގެންދިޔައީ ހުއްދަ ނުހޯދާ އެ ސްކޫލްގައި ހިންގަން އުޅޭ ހަރަކާތް ހުއްޓުވައި، ސްކޫލް ސަލާމަތް ކޮށްދޭން ސްކޫލުގެ ވެރިފަރާތުން އެދިފައި ވާތީ އެއްވެސް މީހަކަށް ހޯލަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް ސްކޫލުން ދީފައިވާ ހުއްދަ އާއި ފައިސާ ދެއްކިކަމުގެ ރަސީދު ފަދަ އެއްޗެހި ދައްކައި، ދެއްކި ގިނަ ވާހަކަތަކަކަށްފަހު ކޮންމެވެސް ވަރަކަށް މީހުންނަށް ސްކޫލަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އެލިބުނު ފުރުސަތުގައި އެތެރެއަށް ދެމިގަތް މީހުންގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ޖަލްސާގެ ކޯރަމަކީ 300 އެވެ. އެހެންކަމުން އެމީހުންނާ އެކު ޖަލްސާ ފެށުމުގެ މަސައްކަތް، އެ މަސައްކަތުގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ފެއްޓެވި އެވެ.

ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއަޅަނީ ---

ހޯލުގައި ޖަލްސާ ފެށިކަމުގައި ވިޔަސް އޭރު ފުލުހުން ވަނީ ސްކޫލުގެ ގޭޓުގައި ބޮޑު ތަޅުއަޅުވައި ޖަލްސާއަށް ދިޔަ އެތައް ސަތޭކަ ބައެއްގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި ބޮޑު ހައިޖާނުގަނޑެއް ފެށި އެވެ. އެ ހާލަތުގައި ޖަލްސާ ލައިވްކޮށް ކުރިޔަށް ގެންދިޔަ ކަމުގައި ވިޔަސް އެތަނަށް ހާޒިރުވާން ޖެހޭ އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނަށް، ފުލުހުން ހުރަސް އެޅުމުގެ ސަބަބަބުން ވަދޭވޭ ގޮތެއް ނުވި އެވެ. ސަރުކާރުގެ ނުފޫޒާއި ބާރު ފޯރުވުމުގެ ސަބަބުން ޕީއެންއެފް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ނުބޭއްވޭނެ ކަން ގާތްގަނޑަކަށް ކަށަވަރުވެފައި އޮތް އިރު އެޕާޓީގެ އިސް ބޭފުޅުން ފަރުދާގެ ފަހަތުގައި ގެންދެވީ އެހެން ކުޅިއެއް ރާއްވަވަމުންނެވެ.

އުތީމު ތިންބެއިންގެ ވާހަކާގައި މުހައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖަހަން ދިޔަ ރެހެންދި ކޮނޑަށް ލައްވައިގެން އެތަކުރުފާނު ހިންގަވައިގެންނެވީ ބާރަށު ފުށްޓަރު ފަރާތަށެވެ. ފުށްޓަރު ފަރާތުން ނަގާ ހޮޅިކުރަމުން ދިޔަ ރާޅުތަކާ ދިމާލަށް ރެހެންދި ކޮނޑަށް ލައްވައިގެން މުހައްމަދު ތަކުރުފާނު ވަޑައިގެންނެވި އިރު އެރަށުގެ ހުރިހާ އެންމެން ތިބީ ބިރުން ގޮތް ހުސްވެފަ އެވެ. އެ ތަކުރުފާނު އެމަންޖެއަށް ކުރާނީ ކީއްކަން ނޭނގި ހާސްވެފަ އެވެ. ރަށުގައި ހުރި އެންމެ ނިކަމެތި ކުއްޖާއަށް ދެވުނު ލަނޑު ހިތަށް އަރައި ކަނބާ އައިސާގެ ދަރިފުޅު ސިއްތިމާވާ ހުންނެވީ އިންތިހާ އަށް ބިރުފުޅުންނެވެ.

ސަރުކާރުން ހުރަސް އެޅުމުން ޕީއެންއެފްގެ ޖަލްސާ ނުބޭއްވޭނެ ކަމަށް ހީވެ، މާޔޫސްވެފައި ތިބި މީހުނަށް ކުއްލިއަކަށް އިވުނީ ޖަލްސާގެ ހުރިހާ އެންމެން ވީ އެންމެ އަވަހަކަށް ރާޅުގަނޑު ސަރަހައްދަށް ޖަމާވުމަށެވެ. އެއާއެކު އެއްވަފައި އޮތް މީސްތަކުން މިސްރާބު ޖެހީ ރާޅުގަނޑަށް ދިމާލަށެވެ. އެމީހަކަށް ލިބުނު އަލިކަމެއް ހިފައިގެން އަވަސް އަވަހަށް އެސަރަހައްދަށް އެންމެން ޖަމާވެ، ޕީއެންއެފް އުފައްދަން ބޭނުންވާ ޖަލްސާ ބާއްވައި ނިންމާލީ ސަރުކާރުގެ އިސް ވެރިންނަށް ދޮންކަޅު ވެސް އަންގާ ނުލަ އެވެ.

ރެހެންދި ގޮވައިގެން ރާޅުގަނޑާ ދިމާލަށް ވަޑައިގެންނެވި މުހަންމަދު ތަކުރުފާނު އެމަންޖެ ގާތު ދެއްކެވި ވާހަކައެއް ދެއްކެވުމަށް ފަހު އަނބުރާލައްވައި ވަޑައިގެން ރަށުގެ ދެ ފަސް ބެދުނުތަނަށް ދޫކުރުމަށް ފަހު އެނބުރި ފަސްބަލާނުލައި ވަޑައިގެން އެރުއްވީ ދޯންޏަށެވެ. އެމަންޒަރު ބައްލަވަން ހުންނެވި އަތޮޅުވެރިޔާ ވިޔަޒޯރު ބުނުއްވި އެވެ. އީދު ކުޅިވަރު ކުޅެވޭނީ އެކަހަލަ ފެންކެނޑޭ ފިރިހެނުންނަށެވެ.

ޕީއެންއެފްގެ ޖަލްސާ ބާއްވައި ނިމުމުން ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ކަންތައް ވެދިޔަ ގޮތުން އެމަނިކުފާނަށް ހަމަނިދި ލިބިވަޑައިނުގެންނެވި ކަމަށެވެ. ސަރުކާރުން އީދުގޮން ޖެހުމަށް ޕީއެންއެފްގެ ބޮލަށް މަޅާލި އަތުގައި ހިފައި އެ އަތުގެ މިސްރާބު ބަދަލު ކޮށްލީ ހަގީގަތުގައި ވެސް ރައީސަށް ނިދިކުރައްވަން އުނދަގޫވާ ވަރަށެވެ.