ރާއްޖެ އަންނަ ގިނަ މީހުން އެންމެ ފުރަތަމަ ފިޔަވަޅު އަޅަނީ މިތަނުގަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މައި ދޮރާށި އެވެ. އެ ދޮރާށިި ހުޅުވައި ދެމުން އަންނަ ހިދުމަތަކީ ގައުމުގެ އިގްތިސާދާ ގުޅިފައިވާ އެންމެ މުހިންމު ހިދުމަތެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ މިގައުމުގެ އެންމެ ވަރުގަދަ އެއް ތަނބެވެ.

ވަރަށް އާދައިގެ ގޮތަކަށް މީގެ 58 އަހަރު ކުރިން ހުޅުވި "ހުޅުލެ އެއާޕޯޓު" އޭރުގެ ސަރުކާރުން ހެދީ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމުގަ އެވެ. އޭޕްރިލް 12، 1966 ގައި ހުޅުވި މި އެއާޕޯޓަކީ މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ މުހިންމު ބައިވެރިޔާ އެވެ.

އެއާޕޯޓުގެ ތާރީހު ކުރުގޮތަކަށް

އޮކްޓޫބަރު 19، 1960 ގައި ހިދުމަތް ފެށުނީ ހުޅުލޭގައި ހަދާފައިވާ ދަގަނޑު ފިލާ ރަންވޭއަށް މަތިންދާބޯޓެއް ޖެއްސުމުންނެވެ. އެ ދުވަހު ޖެއްސީ ރޯޔަލް ނިއުޒީލެންޑް އެއާފޯސްގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެކެވެ.

އޭގެ ފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ފްލައިޓަކީ އެއާ ސިލޯން ފްލައިޓެވެ. އެއީ އޭޕްރީލް 10، 1962 އެވެ. އަދި 1964 ވަނަ އަހަރު ދިވެހި ސަރުކާރުން ނިންމީ ދަގަނޑު ފިލާ ރަންވޭގެ ބަދަލުގައި ތާރު އަޅައިގެން ރަނގަޅު ރަންވޭއެއް ހެދުމަށެވެ. އެގޮތުން ތާރު އަޅައިގެން ހެދި ރަންވޭގައި 45 މީޓަރު ފުޅާ އަދި ދިގުމިނުގައި 2،840 މީޓަރު ހުއްޓެވެ.

ހުޅުލޭގައި އެންމެ ފުރަތަމަ ހެދި ދަގަނޑު ފިލާ ރަންވޭ.

އޭޕްރީލް ،12 1966 ގައި "ހުޅުލޭ އެއަރޕޯޓް"ގެ ނަމުގައި އޮފީހެއް ހުޅުއްވައިދެއްވުމަށްފަހު، އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އެވެ. 1965 ވަނަ އަހަރު މިނިވަންކަން ލިބުމުގެ ކުރިން މި އެއާޕޯޓު ހެދުމަށް ދިވެހިން ކުރި މަސައްކަތުން ދިވެހިންގެ އަޒުމާއި، ހިތްވަރާއި ސާބިތު ސާބިތުކަން ފެނިގެން ދިޔަ އެވެ.

ހުޅުލޭގައި އެއާޕޯޓު ހެދި ދުވަސްވަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު އެ މަސައްކަތް ބައްލަވާލައްވަނީ. ފޮޓޯ: އެމްްއޭސީއެލް

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީއަށް ކުރިއެރުމާއި ބޭރު ދުނިޔެއާ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރުތަކުގައި އެއާޕޯޓުގެ ޓްރެފިކް އައި އިންތިހާއަށް އިތުރުވަމުންވަމުންނެވެ. އަދި 1970 ގެ އަހަރުތަކުގެ ފަހުކޮޅު ޓޫރިޒަމް ފެށި، ފަސިންޖަރުންގެ އަދަދު އިތުރުވުމާ އެކު ރާއްޖޭގެ އެއާޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރަން ކޮންމެ ވެސް މަޖުބޫރުވި އެވެ. އެކަމުގެ މުހިންމުކަން ވިސްނިގެން އެއާޕޯޓު އިތުރަށް ތަރައްގީކޮށް ނޮވެމްބަރު 11، 1981 ގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ނަމުގައި އެ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ކުރު ތައާރަފެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ރާއްޖޭގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް ހަދާ ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް.

އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ޑިރެކްޓަރުންގެ ބޯޑުން ހިންގާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެކެވެ. އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސް ހިންގަނީ ހުޅުލޭގަ އެވެ.

އެމްއޭސީއެލް އުފެދުނީ ހުޅުލޭ އެއާޕޯޓު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އައި ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކުން ބަދަލުވަމުން ގޮސް ހުޅުލޭ އެއާޕޯޓް ހުޅުވީ 12 އޭޕްރީލް 1966 ގަ އެވެ. އަދި އެ އެއާޕޯޓު ހިންގާ އޮފީހުގެ ގޮތުގައި ނޮވެމްބަރު 11، 1981 މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީ (އެމްއައިއޭ) އުފެއްދި އެވެ.

އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ މަޝްވަރާތަކުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

އެ އޮތޯރިޓީގެ ބަދަލުގައި 1 އޮގަސްޓް 2000 ގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އުފައްދައި އެ އެއާޕޯޓު އޭގެ ފަހުން ހިންގަނީ އެ ކުންފުނިންނެވެ.

މިހާތަނަށް ނިންމި މުހިންމު ބޮޑެތި މަޝްރޫއުތައް

އާ ޕެސެންޖާ ޓާމިނަލް: އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭގޮތަށް 78،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ހަދާ މި ޓާމިނަލްގައި އެރޯ ބޯޑިން ބްރިޖާއި އެންމެ ޒަމާނީ އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނެ އެވެ. އާ ޓާމިނަލް އިމާރާތުގެ ސަބަބުން، މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެފްއެންޑްބީ އައުޓްލެޓްތަކާއި އިތުރު ފިހާރަތަކާއި ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ އެވެ. މި ޓާމިނަލް މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް ހަދާ ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެމްއޭސީލް

އާ ރަންވޭ: ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ކޯޑް އެފް ރަންވޭއަކީ އޭ 380 މަރުކާގެ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ. މި ރަންވޭގެ މަސައްކަތް ނިންމައި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ރަންވޭ މަތީގައި މޯލްޑިވިއަންގެ މަތިންދާބޯޓެއް މަޑުކޮށްލައިގެން. ފޮޓޯ: އެމްއޭސީލް

އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް: ވީއައިއޭގެ އާ ފިއުލް ފާމްގައި ގާތްގަނޑަކަށް 37،000 ކިއުބިކް މީޓަރުގެ ތެޔޮ ރައްކަކުރެވޭނެ ޖާގަ ހުރެ އެވެ. އެއީ މިހާރު ހުރި ފިއުލް ފާމަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު މިންވަރެކެވެ. މި ކުރިއެރުމާއެކު ފިއުލް ފާމްގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ1 ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ފިއުލް ފާމްގައި ތިން ސްޓޯރޭޖް ޓޭންކް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން ތެލުގެ ޑިމާންޑާއި ސްޓޯރޭޖް ލިމިޓަށް ބަލާއިރު އިތުރު ދެ ފިއުލް ޓޭންކް ގާއިމު ކުރެވެން ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ފިއުލް ފާމްގެ ޓޭންކްތަކެއް. ފޮޓޯ: އެމްއޭސީލް

ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެއާލައިންތަކުގެ ޚިދުމަތުގެ ވަގުތު ކުޑަކުރަން މަތިންދާބޯޓުތަކަށް ތެޔޮ ފޯރުދިނުމަށް 8.4 ކިލޯމީޓަރުގެ ދިގު މިނުގެ ފިއުލް ހައިޑްރަންޓެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވެ އެވެ. އަދި އާ ފިއުލް ފާމް މިހާރު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ފިއުލް ފާމުން ވެހިކަލަކަށް ތެޔޮ އަޅަނީ. ފޮޓޯ: އެމްއޭސީލް

އާ ސީއައިޕީ އަދި ވީއައިޕީ ޓާމިނަލް: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ވީއައިޕީ/ ސީއައިޕީ ޓާމިނަލްގެ ފޭސް 1 ބޭނުންކުރަން ފެށީ ޖެނުއަރީ 7، 2022 ގަ އެވެ. މި ޓާމިނަލްތަކުގައި އެއްފަހަރާ 95 ފަސިންޖަރުންނަށް ހިދުމަތް ދެވެ އެވެ. ފަސިންޖަރުންނަށް ދޭ ހިދުމަތް ފަސޭހަކުރުމުގެ ގޮތުން އެތަނުން ޗެކް-އިން ކުރުމުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތާއި، ވަކިން ނަމާދު ކުރެވޭނެ އިންތިޒާމްތަކާއި، ހައި ސްޕީޑް ވައިފައި އާއި، ފެންވެރޭނެ ގޮތާއި ދުންފަތުގެ އިސްތިއުމާލު ކުރާ ކޮޓަރިތަކާއި، ޕްރައިވެޓް ލައުންޖްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ވެސް އެ ޓާމިނަލްގައި ގާއިމުކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޖެއްސި ޖެޓަކުން ފޭބި ޓޫރިސްޓުންތަކެއް ސީއައިޕީ ލައުންޖަށް ގެންދަނީ. ފޮޓޯ: އެމްއޭސީލް

އާ ސީއައިޕީ އަދި ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގައި ވީވީއައިޕީގެ ހިދުމަތަށް ގްރައުންޑް ފްލޯ ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ވީއައިޕީ އަދި ސީއައިޕީގެ ހިދުމަތަށެވެ. ފޭސް އެކެއްގައި ހިމެނެނީ ގާތްގަނޑަކަށް 3،200 އަކަ މީޓަރުގެ ސަރަހައްދެކެވެ. މި މަޝްރޫއު ނިމޭއިރު އެތަނުގެ ބޮޑުމިން 6،800 އަކަ މީޓަރަށް ބޮޑުކުރެވޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހަދާ ޓާމިނަލްގެ އެތެރޭގެ ކުރެހުމެއް. ފޮޓޯ: އެމްއޭސީލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ހުރިހާ މަޝްރޫއެއް ހިންގާފައި ވަނީ އެއާޕޯޓު ހިންގުމުގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާންނަ ގޮތަށް ރޭވިގެންނެވެ. މި މަޝްރޫއުތަކުގެ ސަބަބުން ބައެއް ހިދުމަތްތައް ވަނީ ދެ ގުނަ އާއި ތިން ގުނަ އަށް ފުޅާކުރެވިފަ އެވެ. މިކަންކަމުގެ ސަަބަބުން އެއާޕޯޓު ހިންގުމުގެ އޮޕަރޭޝަނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ހިދުމަތްތައް އަވަސްވެގެންދެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހަދާ ޓާމިނަލްގެ ބޭރުގެ ކުރެހުމެއް. ފޮޓޯ: އެމްއޭސީލް

މިއަހަރުގެ ފަހުކޮޅު ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލާއެކު އެއާޕޯޓުގެ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އެއާޕޯޓުން ލިބޭ އާމްދަނީ ވެސް އެތައް ގުނައެއް އިތުރުވާން ފަށާނެ އެވެ. މިއާއެކު މި އެއާޕޯޓު ވެގެންދާނީ މި ސަރަހައްދުގައި ވެސް އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުގެ ގޮތުގަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަން ޔަގީނެވެ.