ބައިނަލްއަގްވާމީ ބޮޑު މަގްބޫލުކަމެއް ހޯދި ދެކުނު އިންޑިއާގެ ފިލްމު "އާރްއާރްއާރް" ގެ ލީޑުން ފެނުނު އެކްޓަރު ރާމް ޗަރަނަށް ޗެންނާއީގެ ވެލްސް ޔުނިވަސިޓީން، އޮނަރަރީ ޑޮކްޓަރަޓޭޓްގެ ޝަރަފު އަރުވައިފި އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑް ފިލްމުތަކުގައި މިހާރު ފެނިގެންދާ އެކްޓަރު ރާމް ޗަރަނަށް އެ ޝަރަފު އެރުވީ ހިންދީ ސިނަމާއަށް އޭނާ ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަންކޮށެވެ.

މި ޝަރަފު އެރުވުމާ ގުޅިގެން އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ރާމް ޗަރަން ބުނެފައި ވަނީ މިއީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ.

މި އެވޯޑް އެރުވި ހަފްލާގައި ރާމްގެ އަންހެނުން އުޕާސްނާ ކާމިނޭނީ ވެސް ބައިވެރިވި އެވެ.

https://www.instagram.com/p/C5tFDCUvLj6/

ރާމް ޗަރަން ފާހަގަ ކުރެވިގެން ގޮސްފައިވަނީ ސައުތުގައި އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގަ އެވެ.

މިހާރު އުމުރުން 39 އަހަރުގެ އެކްޓަރު އާމް ޗަރަން ފިލްމީ ދާއިރާއަށް ނުކުތީ 2007 ވަނަ އަހަރު "ޗިރުތީ" އެވެ.

ދެހާސް ބާވީސް ވަނަ އަހަރު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގައި އޭނާ ލީޑުން ފެނިގެންދިޔައިރު، މި ފިލްމް ވެގެން ގޮސްފައި ވަނީ އިންޓަނޭޝަނަލް އެވޯޑްތަކެއް ވެސް ހާސިލުކުރި ފިލްމަކަށެވެ.

ރާމް ޗަރަން ވަނީ ފިލްމީ ދާއިރާއިން ގިނަ އެވޯޑްތަކެއް ވެސް ހާސިލުކޮށްފަ އެވެ.

ރާމް ޗަރަން އެންމެ އަވަހަށް ފެނިގެންދާނީ ކިއާރާ އަދުވާނީއާއެކު ފެނިގެންދާ "ގޭމް ޗޭންޖަރ" އިންނެވެ. އަދި ރާމް ޗަރަން އާއި ޖާންވީ ކަޕޫރާއެކު އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.